މަދު މުވައްޒަފުންނާއެކު ލޮކްޑައުންގައި ވެސް އެމްޕީއެލްގެ ހިދުމަތްތައް ކުރިއަށް

ލޮކްޑައުން ހާލަތުގައި ވެސް އެމްޕީއެލްގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދަނީ މަދު މުވައްޒަފުންތަކަކާއެކު އެކު-- ފޮޓޯ/އެމްޕީއެލް

ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ނަމަވެސް، ސަލާމަތީ ފިޔަވަޅުތަކާއެކު އެމްޕީއެލްގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްގެންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ލޮކްޑައުން ހާލަތުގައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ވަނީ ހިއްސާކޮށްފަ އެވެ.

ލޮކްޑައުން ނިމެންދެން އެމްޕީއެލްގެ ހިދުމަތްތައް ދެމުންދަނީ އެކުންފުނީގެ 160 މުވައްޒަފުން މާލޭ ވިޔަފާރި ބަނދަރުން ނުނިކުމެ، އެތަނުގައި ތިބެގެންނެވެ. މި މުވައްޒަފުންގެ ތެރޭގައި ޕޯޓު ވެހިކަލް އޮޕަރޭޓަރުން، ފޯކްލިފްޓް ޑްރައިވަރުން، އިންޖިނިއަރިން އަދި ސެކިއުރިޓީ ފަދަ އެކި ދާއިރާތަކުގެ މުވައްޒަފުން ހިމެނެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދާ އެމްޕީއެލްގެ މުވައްޒަފެއް-- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލްއިން ބުނީ މި ހާލަތުގައި މުވައްޒަފުން މަސައްކަތްކުރާނީ ގުރޫޕުތަކަށް ބަހާލައިގެން އެކަހެރިވެގެން ތިބެ ކަމަށެވެ. މި ދަނޑިވަޅަކީ އިޖުތިމާއީ ގައިދުރުކުރުން މުހިންމު ދަނޑިވަޅަކަށް ވުމާއެކު އެމްޕީއެލްގެ މަސައްކަތްތައް ވެސް ރާވާފައިވަނީ އެފަދަ ގޮތަކަށް ކަމަށް އެކުންފުނިން ބުނެ އެވެ.

ވީހާ ވެސް މަދު މުވައްޒަފުންނާއެކު އޮޕަރޭޝަންތައް ހިންގާ މި ދުވަސްވަރުގައި މިގޮތަށް މަސައްކަތްތައް ރޭވުމުގެ ބޭނުމަކީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ޕޯޓުގެ މަސައްކަތްތަކަކީ އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިގެން މެނުވީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޕީއެލްއިން ފާހަގަކުރެ އެވެ.

އެމްޕީއެލްއިން ބުނީ ލޮކްޑައުން ހާލަތުގައި ވެސް އެމްޕީއެލްގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އެތެރެކުރާ މުދާ ބާޒާރަށް ފޯރުކޮށްދިނުމުގައި އެކުންފުނީގެ ދައުރު ބޮޑުވުމުން ކަމަށެވެ.

މާޅޭ ވިޔަފާރި ބަނދަރަށް ގެނައި ތަރުކާރީ ޝިޕްމަންޓެއް ކްލިއާ ކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން-- ފޮޓޯ/އެމްޕީއެލް

މީގެ އިތުރުން ވެސް މި ދުވަސްވަރާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތީ ކަންކަން އެމްޕީއެލްއިން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މި ދުވަސްވަރު މާލޭ ވިޔަފާރި ބަނދަރަށް ބޭރުން ވަންނަ މީހުން ސްކްރީން ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ރަމަޟާން މަހު އާއިލާއާ ދުރުގައި ތިބެ އެމްޕީއެލްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް އެމްޕީއެލްއިން ސިފަކުރަނީ ގައުމީ މަސައްކަތެއްގެ ގޮތުގަ އެވެ. އަދި މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް އެކުންފުނިން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

comment ކޮމެންޓް