ވެލާ ރިޒޯޓުގެ ވެރިން ރާއްޖެއަށް ޓެސްޓު ކިޓާއި ވެންޓިލޭޓަރު ހަދިޔާކުރަނީ

މާޗް 25، 2020: މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން، ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑު ރިޒޯޓުގެ ވެރިން ރާއްޖެއަށް ގިނަ އަދަދެއްގެ ސިއްހީ އާލާތްތައް ހަދިޔާ ކުރަން ނިންމައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ވެލާގެ ވެރިޔާ ޖިރީ ސްމެކް އާއި އެ ރިޒޯޓުގެ ހިއްސާދާރެއް ކަމަށްވާ ޑެނިއެލް ކްރެޓިންސްކީ ރާއްޖެއަށް ހަދިޔާ ކުރާ ތަކެތީގެ ތެރޭގައި ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓު ކިޓާއި 100،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހިމެނެ އެވެ.

އެ ތަކެތި ހަދިޔާ ކުރުމަށް ސްމެކްއާއި ކްރެޓިންސްކީ މިއަދު ޕްރައިވެޓް ޖެޓުތަކުގައި ރާއްޖެއަށް އަންނާނެ ކަމަށް އެނގިފައިވެ އެވެ.

ސެންޓްރަލް ޔޫރަޕްގެ އެންމެ ބޮޑު އެނާޖީ ކުންފުނި، އީޕީއެޗްގެ ޗެއާމަން ކަމަށްވާ ކްރެޓިންސްކީ ވަނީ މާޗް 12އިގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ބަލިން ރަނގަޅުވެފައިވާ ކަން ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފަ އެވެ.

މުޅި ދުނިޔެއަށް މިހާރު ފެތުރި އިގުތިސާދުތައް ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހުގެ ސަބަބުން ވެލާ ރިޒޯޓުގެ މުވައްޒަފުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި އެ ރިޒޯޓުގެ ވެރިން ވަނީ ހާއްސަ ރިލީފް ސްކީމެއް ތައާރަފްކޮށްފަ އެވެ. އަދި އެސްކީމްގެ ދަށުން މުވައްޒަފުންނަށް މުސާރައާއެކު ހާއްސަ އެލަވެންސްއެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް