ވޮޝިންޓަން (މެއި 1): އާ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބައެއް ހާލަތްތަކުގައި ރެމްޑެސިވިއާ ބޭސް ބޭނުންކުރަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަގުތީ ހުއްދައެއް ދީފި އެވެ.
އެމެރިކާގެ ގިލިއަޑް ކުންފުނިން އިބޯލާއަށް ފަރުވާ ދިނުމަށް ފުރަތަމަ އުފެއްދި ރެމްޑިސިވިއާ ބޭނުން ކުރަން އެފްޑީއޭއިން ހުއްދަ ދީފައި ވަނީ ކޮވިޑް-19 ޖެހި ހާލު ސީރިއަސްވާ މީހުންނަށް ދިނުމަށެވެ. އެ ބޭސް އިބޯލާއަށް ފަރުވާ ދިނުމަށް ބޭނުން ނުކުރެވުނު ނަމަވެސް ރެމްޑިސިވިއާ އަކީ ބައެއް ވައިރަސްތައް ހަށިގަނޑުގެ ތެރޭގައި އިތުރުވުން ހުއްޓުވާ ބޭހެކެވެ.
އެފްޑީއޭގެ ކޮމިޝަނަރު ސްޓީވެން ހާން ވިދާޅުވި ގޮތުގައި ރެމްޑެސިވިއާއަކީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ހުއްދަ ދިން ފުރަތަމަ ބޭހެވެ. އަދި ގިލިއަޑްގެ ސީއީއޯ ޑެނިއެލް އޯޑޭ ވަނީ އެކުންފުނިން ބަލި މީހުންނަށް އެހީވުމަށް 1.5 މިލިއަން ފުޅީގެ ބޭސް ހަދިޔާ ކުރާނެ ކަމަށް ބުނެފަ އެވެ. އެ ބޭސް ފުޅިތައް ހޮސްޕިޓަލްތަކަށް ފޮނުވުމުގެ މަސައްކަތް ހޯމަ ދުވަހު ފަށާނެ ކަމަށް ނައިބު ރައީސް މައިކް ޕެންސް ވިދާޅުވި އެވެ.
ގިލިއަޑްއިން ފުރަތަމަ ހަދިޔާ ކުރާ ބޭސްތަކަށް ފަހު ދެން ބޭހަށް ނަގާނެ އަގެއް އެކުންފުނިން ހާމަ ނުކުރެ އެވެ. އަދި އެ ބޭސް އެމެރިކާ ނޫން އެހެން ގައުމުތަކަށް ފޮނުވާނެ މިންވަރަކާއި އެއަށް ނަގާނެ އަގެއް އަދި ނޭނގޭ ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.
ގިލިއަޑްއިން ވަނީ ބޭރުގެ ޕާޓްނަރުންނާ ގުޅިގެން ރެމްޑެސިވިއާ އުފައްދާ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް)އިން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ރެމްޑެސިވިއާ ދިނުމުން އެމީހުން ބަލިން ރަނގަޅުވާން ނަގާ މުއްދަތު ކުރުވާ ކަމަށް ޓެސްޓުތަކުން ދައްކާފައިވާ ކަމަށް ބުނެފަ އެވެ. އެ ޓެސްޓުތައް ހަދާފައި ވަނީ އެކި ގައުމުތަކުގެ 1،063 ބަލި މީހުން ހިމަނައިގެންނެވެ. އަދި އެ ޓެސްޓުގައި ވަނީ ރެމްޑެސިވިއާ ދިން މީހުންނާއި ބޭސް ނުދޭ ބަލި މީހުންނަށް އަންނަ ބަދަލުތައް ރެކޯޑު ކޮށްފަ އެވެ.
އެންއައިއެޗްއިން ބުނި ގޮތުގައި ރެމްޑެސިވިއާ ނުދޭ މީހުންގެ ބަލި ރަނގަޅުވާން އެވަރެޖުކޮށް 15 ދުވަސް ނެގި އިރު ބޭސް ދިން މީހުންގެ ބަލި ރަނގަޅުވާން ނެގީ 11 ދުވަހެވެ.
އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން ދުނިޔޭގައި ތިން މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ އެމެރިކާގަ އެވެ. އަދި އެގައުމުގައި ބަލި ޖެހިގެން 65،068 މީހަކު ވަނީ މަރުވެފަ އެވެ.