ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން ކަރަންޓީނު ކުރަނީ

އޭޕްރީލް 22، 2020: ބަޔަކު މާލޭ ފުޓް ކޯޓުކައިރި ޖަމާވެގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރަން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.

އެ އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.

ކަރަންޓީނުކުރާނެ ފުރަތަމަ ހާލަތަކީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް، ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނެތްނަމައެވެ. އެފަދަ މީހުން އެކަހެރިކޮށް މޮނީޓަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.

މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭމުންދާ ބައެއް ކުއާޓަރުތައް ފުލުހުން މޮނީޓަރުކުރަމުްނ އަންނަ އިރު، އެޗްޕީއޭގެ މިއަދުގެ އެންގުމުގައި ވަނީ އެތަންތަނުގައި އުޅޭ މީހުންވެސް ކަރަންޓީނުކުރެވޭނެ ކަމަށެވެ. ސަބަބަކަށް ބުނެފައިވަނީ އެތަންތަނުގައި ދިރިއުޅޭ ގިނަ ބިދޭސީ މަސައްކަތްތެރީންނަކީ ބައްޔަށް ޕޮޒިޓިވް ގިނަ ބަޔަކާ ގުޅުންހުރި ބަޔަކަށް ވާތީއެވެ.

ބިދޭސީން ކަރަންޓީނުކުރެވޭ ތިންވަނަ ހާލަތަކީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ސީދާގޮތުން އަދި ނުސީދާ ގޮތުން ދިމާވެފައިވާ ނަމައެވެ.

އަދި އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ނަމަވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރެވޭނ ެކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.

ޚުލާސާ: ކަރަންޓީނުކުރެވޭނެ ބިދޭސީން

  • މާލެ ސަރަހައްދުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް ބިދޭސީން
  • މާލޭގައި ފުލުހުން މޮނީޓަރުކުރަމުންދާ ކުއާޓަރުތަކުގައި އުޅޭ ބިދޭސީން
  • ކޮވިޑް19އަށް ޕޮޒިޓިވްވި މީހަކާ ސީދާ އަދި ނުސީދާކޮށް ބައްދަލުވެފައިވާ ބިދޭސީން
  • ކޮވިޑް19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވޭ ބިދޭސީން

މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިިރު އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ބިދޭސީ މަސައްކަތްތެރީންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެމީހުން ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އަދި އެމީހުން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނަށް ވަދެ ނުކުމެ އުޅުން ފުލުހުން އަންނަނީ މޮނީޓާކުރަމުންނެވެ.

comment ކޮމެންޓް