އެމްޓީސީސީގެ އެކި ހިދުމަތްތަކުގައި ޝާމިލުވާ ފްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގައި މިހާރު އޮތް ނާޒުކު ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ އެ ކުންފުނީގެ އިސްތިރާޖީ ވިޔަފާރި ކުރިއަށް ގެންދިއުމުގެ ޕްލޭނާއި އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.
އެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުގައި އެމްޓީސީސީއިން ފޯރުކޮށްދޭ އާންމު ފެރީ، ސްޕީޑް ފެރީ، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި މަސައްކަތްކުރާ ޕްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މޭނާ ގިމަތަ (ހުޅުމާލެ - މާލެ ފެރީ ގިމަތަ)، ފެންނާ ގިމަތަ (މާލެ - ހުޅުމާލެ ފެރީ ގިމަތަ) އަދި ރާންނާ ގިމަތަ (ވިލިނގިލި - މާލެ ފެރީ ޓަރމިނަލް) އައިސޮލޭޝަން ފެސިލިޓީ ތަކެއް ވަނީ ގާއިމްކޮށްފައެވެ.
އެމްޓީސީސީން ބުނި އެ ފެސިލިޓީތަކުގެ އެންމެ ބޮޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމެވެ.
ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުން ހާލަތަށް ގެނެސްފައިވާ މިދަނޑިވަޅުގައި އެމްޓީސީސީން އަންނަނީ ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ސިއްހީ ހިދުމަތްތެރިން މާލެއަށް ވަޒީފާއަށް ގެނެސްދިނުމަށް ޝެޑިއުލްކުރާ ފެރީ ދަތުރުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 00:07 އިން ރޭގަނޑު 00:02 އަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
އަދި ވިލިނގިލި، ތިލަފުށި އަދި ގުޅިފަޅު ގައި ދިރުއުޅޭ ރައްޔިތުންނަށް މުދާ ފެރީގެ ހިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީއަށާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ އެކިކަހަލަ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގައި އެމްޓީސީސީގެ އުޅަނދުތަކާއި ވެހިކަލްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ މުއައްސަސާތަކަށް އެމްޓީސީސީންް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ކަންޑުމަގުން ގެންގޮސްދިނުމާއި، އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ މުދާ ކަނޑު މަގުން ފޯރުކޮށްދިނުމާއި އަދި އެއްގަމު މަގުން ދެވޭ އެކިކަހަލަ ލޮޖިސްޓިކަލް ސަޕޯޓް ހިމެނެއެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތްތަކުގެ ފްރަންޓްލައިންގައި އެ ކުންފުނީގެ 40 މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ކ. ތިލަފުށީގައި އެކުންފުނިން ހިންގާ ބޯޓްޔާޑުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ހިދުމަތްތައް މި ދަނޑިވަޅުގައި ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެމްޓީސީސީގެ 120 މުވައްޒަފުން މިވަގުތު ވަނީ ތިލަފުށީގައި ސްޓޭޝަންވެފައެވެ.
އަދި ހަމައެއާއެކު އެކުންފުނިން ކުރިއަށްގެންދާ އެކި ކަހަލަ އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކުގެ ސައިޓްތަކުގައި ކުންފުނީގެ އެތަކެއް މުވައްޒަފުންތަކެއް ތިބީ އާއިލާއާއި ދުރުގައި ގައުމީ ހިދުމަތުގައިކަން ފަހުރުވެރިކަމާއިއެކު ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ފަރާތުން ކޮވިޑް -19 އަށް ތައްޔާރުވުމައްޓަކައި އެކުލަވާލި އެސްއޯޕީގެ ދަށުން ކުންފުނީގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި، އެ މުވައްޒަފަކު ދާނީ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއަށް ކަމަށާއި އަދި އެއީ ކުރިމަތިވެދާނެ ހާލަތެއްކަން ބަލައިގަނެ، އެކަމަށް ކުންފުނިން ތައްޔާރުވެފައި އޮތް ކަމަށް ވެސް ބުނެފައިވެއެވެ.