ބޭންކުން ރިސްކް ނަގައިގެން ވިޔަފާރި ކުރަން އެބަ ޖެހޭ: ފައްޔާޒު

ޖެނުވަރީ 26، 2016: ބީއެމްއެލްގެ އޭޓީއެމަކުން މީހަކު ފައިސާ ނަގަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރިސްކު ނަގައިގެން ވިޔަފާރީ ކުރަން ޖެހޭ ކަމަށާއި ބައެއް ފަހަރު ގެއްލުންވާ ފަހަރު ވެސް އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގައި އިގްތިސާދު ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރު ރިފޯމް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިސާލަކަށް ބޭންކް އޮފް މޯލްޑިވްސްގެ ފައިދާ ބޮޑުވުމަށްވުރެން މުހިންމީ ބޭންކް އޮފް މޯލްޑިވްސް އަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ އިންޖީނެއްގެ ގޮތުގައި މަސައްކަތް ކުރުން. އިންޖީނެއްގެ ގޮތުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ދައުލަތަށް ވެސް އެހެނިހެން ހިއްސާދާރުންނަށް ލިބޭ ފައިދާ، މިސާލަކަށް ދައުލަތަށް ލިބޭ ދެ ތިން ސަތޭކަ މިލިއަން ރުފިޔާ ބީއެމްއެލްއަށް ފައިދާވާއިރުގައި ފައިދާ ކުޑަކޮށްފައި އިންޓްރެސްޓް ރޭޓް ކުޑަކޮށްފައި ބޭންކުން ވެސް ބައެއް ފަހަރު ރިސްކް ނަގައިގެން މިހާރު ބޭންކަކުން ރިސްކެއް ނުނަންގަވާ އަސްލު ހަގީގަތުގައި،" ފައްޔާޒު ވިދާޅުވި އެވެ.

ބޭންކުން ރިސްކް ނުނަގާ ކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެ ތަނުން ލޯނުތައް ވެސް ދޫކުރަނީ ބޮޑު ފައިދާއެއް ލައިގެން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ބޭންކު ވެސް ކޮންމެސް ވަރެއްގެ ރިސްކް ނަގަން ޖެހޭނެ. ރިސްކަ ނަގައިގެން ގެއްލުންވާ ފަހަރު ވެސް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ބޭންކަކީ އިގްތިސާދުގެ އިންޖީނެއްގެ ގޮތުގައި މަސައްކަތްކުރާ ނަމަ ބޭންކްގެ ފައިދާއިން ކުޑަވާ ތަނަށްވުރެން މާ ބޮޑު ފައިދާއެއް މުޅި އިގްތިސާދާއި އާންމު ރައްޔިތުންނަށް ވެސް އަދި މުޅި ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭނެ ކަން މިނިސްޓަރު ވަނީ ފާހަގަކޮށްފަ އެވެ.

"އެހެންވީމަ އެއީ ވެސް އަޅުގަނޑުމެން ރިފޯމް ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ބޮޑު ސްޓިމިއުލަސް ނުވަތަ ސަރުކާރުގެ އިންޓަވޭޝަނެއް ނައިސްފި ނަމަ ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ ގިނަ ބައެއްގެ ވަޒީފާތައް ގެއްލިގެން ދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން މުދަލަށް އޮންނަ ޑިމާންޑް ކުޑަވެ އެކްސްޗޭންޖު ރޭޓް 10 ރުފިޔާއަށް ތިރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންކަމުން ޑޮލަރު ރޭޓް މަތިވި ނަމަވެސް ގިނަ ބަޔަކު މަގުމަތިވެ ނިކަމެތިވުމަށްވުރެން އެ މީހުންނާއި އެކު މަސައްކަތްކުރެވޭނެ ނިޒާމެއް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި 18 ރުފީޔާއަށް 20 ރުފިޔާއަށް ޑޮލަރު އަރާފައި މީހުން އަތުގައި ފައިސާ ހުރުން މާ ރަނގަޅު. ޑޮލަރު ރޭޓް 10 ރުފިޔާއަށް ތިރިވެފައި އަޅުގަނޑުމެންގެ ވަޒީފާގެ މާކެޓްގެ 50 ޕަސެންޓް އަންއެމްޕްލޮއިވެފައި ވިޔަފާރީތަކުގެ ދެބައިކުޅަ އެއްބައި ފުނޑުފުނޑުވެގެން ދިއުމަށްވުރެން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް