ވޮޝިންޓަން (މެއި 2): ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރިދާނެ ކަމަށް ތައްޔާރުވެވޭ ވަރަށް ގައުމުތަކުގެ ލީޑަރުންނަށް ވަގުތު ދިން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި އެޖަމްއިއްޔާއިން ވަނީ ޗައިނާގައި އާ ކޮރޯނާވައިރަހެއް ފެތުރެމުންދާ ކަމުގެ ކަންބޮޑުވުން ޖެނުއަރީ މަހުގެ މެދުތެރޭގައި ފާޅު ކުރަން ފަށާފަ އެވެ. އަދި އެ ވައިރަހަކީ ބައިނަލްއަގުވާމީ ސިއްހީ އެމާޖެންސީއެއްކަން ޖެނުއަރީ 30ގައި އިއުލާންކޮށްފަ އެވެ. އެހެންކަމުން އެ ވައިރަހަށް ތައްޔާރުވާން ޑަބްލިޔުއެޗްއޯއިން ވަނީ ދުނިޔޭގެ ލީޑަރުންނަށް ބޭނުންވާ ވަރަށް ވަގުތު ދީފަ އެވެ.
"ޖެނުއަރީ 30ގައި އެމާޖެންސީ އިއުލާން ކުރި އިރު ޗައިނާއިން ބޭރުން ފެނިފައި ވަނީ އެންމެ 80 ކޭސް އަދި ބަލީގައި އެއްވެސް މީހަކު މަރެއް ނުވޭ. އޭގެ މާނައަކީ ވައިރަހާ ދެކޮޅަށް ފިޔަވަޅު އަޅަން ދުނިޔެއަށް ބޭނުންވާ ވަރަށް ވަގުތު ލިބުނޭ،" ޓެޑްރޮސް ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ އެ ޖަމްއިއްޔާއިން ކޮރޯނާވައިރަހާ ކުރިމަތިލުމުގައި ފެއިލްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ. އަދި ޑަބްލިޔުއެޗްއޯއިން އަމަލު ކުރަނީ ޗައިނާއަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ އެމެރިކާއިން އެޖަމްއިއްޔާއަށް ދޭ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވި ފަހުންނެވެ.
ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކަމަށް ބެލެވޭ ކޮރޯނާވައިރަހަކީ ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ވަނީ މާޗް 11އިގައި ކަނޑައަޅާފަ އެވެ. އޭރު ދުނިޔޭގެ އެކި ގައުމުތަކުން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 121،000 މީހުންނެވެ.
އޭގެ ފަހުން ދުނިޔޭގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 3.2 މިލިއަން ހުރަސްކޮށް، ބަލީގައި 233،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިހާރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ އެއް މިލިއަނަށް ވުރެ އިތުރުވެފަ އެވެ.