އުތުރު ކޮރެއާގައި އިއްޔެ ބޭއްވި ހަފްލާއަކަށް ކިމް ވަޑައިގެންނެވި: ކޭސީއެންއޭ

ކޭސީއެންއޭއިން ބުނި ގޮތުގައި އިއްޔެ ފެކްޓަރީއެއް ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ކިމް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ: ރޮއިޓާސް

ސޯލް (މެއި 2): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ނުފެންނަތާ 20 ދުވަސް ފަހުން، އިއްޔެ އެގައުމުގައި ބޭއްވި ހަފްލާއަކަށް އޭނާ ވަޑައިގެންނެވި ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ)އިން ރިޕޯޓު ކުރި ގޮތުގައި އިއްޔެ ކިމް ވަނީ އެގައުމުގެ ސުންޗިއޮންގައި ފާޓިލައިޒާ ފެކްޓަރީއެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި އެ ހަފްލާއަށް ވަޑައިގެންނެވި އެހެން އިސް އޮފިޝަލުންގެ ތެރޭގައި ކޮއްކޯފުޅު ކިމް ޔޯ ޖޮންގްވެސް ހިމެނެ އެވެ.

އެ ހަފްލާގެ ފޮޓޯތަކެއް އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ރަސްމީ ނޫހުން ވަނީ އާއްމުކޮށްފަ އެވެ. އަދި އެ ފޮޓޯތަކުން ރިބަން ކަނޑާ މަންޒަރާއި ކިމް އެ ފެކްޓަރީ ބައްލަވާ މަންޒަރު ފެނިގެންދެ އެވެ.

ކިމްގެ ސިއްހީ ހާލުކޮޅު ގޯސްވި ކަމަށް ދެކެވޭ ވާހަކަތައް ފުރަތަމަ ފެތުރެން ފެށީ، އުތުރު ކޮރެއާގެ ކުރީގެ ލީޑަރު އަދި ކިމްގެ ކާފާފުޅު ކިމް އިލް ސަންގުގެ އުފަންދުވަހުގެ ރަސްމިއްޔާތުގައި މިމަހުގެ 15ގައި އޭނާ ނުފެންނަ ކަމަށް ރިޕޯޓު ކުރުމުންނެވެ. އެއީ 2011 ވަނަ އަހަރު ކިމް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާއިން ފިލައިގެން އެގައުމުން ބޭރުގައި ދިރިއުޅޭ މީހުން ހިންގާ ޑެއިލީ އެންކޭ ނޫހުން ބުނި ގޮތުގައި ކިމް ވަނީ މިދިޔަ މަހުގެ 12ގައި ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އަދި ކުއްލި ގޮތަކަށް އެ އޮޕަރޭޝަން ކުރަން ޖެހުނީ ކިމް ދުންފަތުގެ އިސްތިއުމާލު ކުރައްވާ ވަރު އިތުރުވުމުންނާއި ފަލަ ބައްޔާއި ވަރުބަލިވުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ.

އެ އޮޕަރޭޝަނަށް ފަހު ކިމްގެ ހާލުކޮޅު ސީރިއަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކަށް ރައްދު ދެމުން ދެކުނު ކޮރެއާއިން ވަނީ އުތުރުން އާދަޔާ ހިލާފު ކަމެއް ނުފެންނަ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކިމްގެ ހާލުކޮޅާ ބެހޭ ރިޕޯޓުތައް ސައްހަ ނޫން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް ކިމްގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ހޭދަވުމާ ގުޅިގެން އޭނާގެ ހާލުކޮޅާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު ކިމްގެ ހަބަރެއް ނުވެ ހަ ހަފްތާ ދިޔަ އެވެ. އެ ދުވަސްތަކުގައި ކިމް ގެންދެވީ ފައިގެ އޮޕަރޭޝަނަކަށް ފަރުވާ ހޯއްދަވަމުން ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަ ކުރި އެވެ.

comment ކޮމެންޓް