ހުއްދަ ނެތި މާޅޮހުން ދަރަވަންދުއަށް ގޮސް ފިލި މީހަކު ހައްޔަރު ކޮށްފި

ބ. ދަރަވަންދޫ އާއި ބ. މާޅޮހުގެ ގޫގުލް ފޮޓޯއެއް: މާކަނޑެއް ހުރަސް ކޮށް ކެނޯއެއްގައި ދަރަވަންދޫއަށް ދިޔަ މީހަކު ވަނީ ހައްޔަރު ކޮށްފައި ----

ހުއްދަ ނެތި ބ. މާޅޮހުން އެ އަތޮޅު ދަރަވަންދުއަށް ކެނޯއެއްގައި ގޮސް ފިލި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ.

ކޮވިޑް-19 ބެލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށް މީގެ ކުރިން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެންގުމެއް ނެރުއްވައިފައެވެ. އެ އެންގުމާ ހިލާފަށް ރަށްރަށުން ދަތުރު ކުރާ މީހުންނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ފުލުހުން ބުނީ، ބ. މާޅޮހު ޓާސްކް ފޯސްގެ ހުއްދަނެތި ކެނޯއެއްގައި އިއްޔެ، އެ ރަށުން ދަރަވަންދޫއަށް ގޮސް ފިލައިގެން އުޅުނު 29 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ދަރަވަންދޫ އިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރަށްތައް ލޮކްޑައުންކޮށްފައި ވަނިކޮށް ހުއްދަ ނެތި އެއް ރަށުން ފޭބުމުގެ ސަބަބުން 20 އަކަށް މީހުން މިހާރު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. މި ހާލަތުގައި އެ ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުމެއްގައި އެ ރަށު ކައުންސިލުން ހުއްދަ ލިބިގެންނެވެ.

comment ކޮމެންޓް