މަނަދޫ މީހާ ދެއްކީ ބަނޑުގައި ރިއްސާތީ، ޕޮޒިޓިވްކަން އެނގުނީ ދޫކޮށްލި ފަހުން

އައިޖީއެމްއެޗް:ފަރުވާ ހޯދައިގެން ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ދޫކޮށްލި ފަހުން -- ސަން ފައިލް ފޮޓޯ

ނ. މަނަދޫ 80 އަހަރުގެ އަންހެނަކު އައިޖީއެމްއެޗަށް ދައްކާފައިވަނީ ބަނޑުގައި ރިއްސާތީ ކަމަށާއި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ، މީގެ 14 ވަރަކަށް ދުވަސް ކުރިން ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށް ފަހު އެ ރަށަށް އެނބުރި ދިޔަ އަންހެނެކެވެ. އަދި ޕޮޒިޓިވްވިކަން އެނގުނީ ހާލު އިތުރަށް ގޯސްވެގެން ރޭ މާލެ އައުމަށްފަހު ޓެސްޓް ކުރުމުންނެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މަނަދޫ މީހާ އައިޖީއެމްއެޗަށް ދެއްކިއިރު ފުލޫއާ ގުޅޭ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް އޭނާ ކޮވިޑް-19އަށް ޓެސްޓް ކޮށްފައިވަނީ މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"އޭނަ (މަނަދޫ އަންހެން މީހާ) އައި ބައްޔަށް ފަރުވާ ލިބިގެން ދޫވެގެން ދިޔައީ. ނުކުމެގެން ގޮސްފައި ގެސްޓް ހައުސަކަށް ދިޔަފަހުން އޭނަގެ ނަތީޖާ އައި އިރު ޕޮޒިޓިވް. މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ގަދަޔަށް ކުރިއަށް އެބަދޭ. މާލޭގެ ކޮންޓެކްޓް ޓްރޭސިންއާ މަނަދޫގެ ކޮންޓެކްޓް ޓްރޭސިންނާ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފަ އެވެ.

ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް މީހަކު އެރުން ވެސް ވަނީ މަނާވެފައެވެ.

މިއާއެކު ނ. އަތޮޅުގެ ހަތަރު ރަށެއް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މަނަދޫގެ އިތުރުން މޮނިޓަރިންގައި ދެން އޮތީ އެ އަތޮޅު ހެނބަދޫ، ކެނދިކުޅުދޫ އަދި ހޮޅުދޫ އެވެ.

ނ. އަތޮޅުގެ ރަށްތަކެއް މޮނިޓަރިންގ އަށް ގެންގޮސްގައި ވަނީ އަމާޒު ބޯޓު ކޭސް އާ ގުޅިގެންނެވެ.

މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު އެކަކު ވަނީ މަރުވެފަ އެވެ. އުމުރުން 83 އަހަރުގެ އެ މީހާއަށް ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުވީ މަރުވި ފަހުންނެވެ. ނަމަވެސް މަރުވުމުގެ ކުރިން ވަނީ އޭނަގެ ސާމްޕަލް ނަގާފަ އެވެ.

comment ކޮމެންޓް