ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔުނިސެފްއާ ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ޖަޕާން ސަރުކާރުން ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖަޕާނުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް 5،634،468 ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 ރުފިޔާ، ހިލޭ އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.
ޖަޕާން ސަރުކާރުގެ އެހީ ބޭނުންކުރާނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ޝުކުރުއަދާކޮށްފައެވެ.
އަދި މިއީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ގައުމެވެ. އެގައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްގީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމެވެ.