ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލަށް ކިޔާނީ "ދޯ ވިލަން" ކަމަށް ޚަބަރުތައް ބުނެފިއެވެ.
ހަތަރު ލީޑު ތަރިން ފެނިގެންދާ އެ ފިލްމުގެ ލީޑު ތަރިންނަކީ ދިޝާ ޕާޓްނީ، އަދިތްޔާ ރޯއީ ކަޕޫރު، ތާރާ ސުތައިރާ އަދި ޖޯން އަބްރަހަމް އެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ މި ފިލްމު ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
ފިލްމު އަންނަ އަހަރު ރިލީޒްކުރަން ނިންމި ނަމަވެސް ފިލްމުގެ ޝޫޓިން އަދި ފަށާފައެއް ނުވެއެވެ. ފިލްމުގެ ޝޫޓިން މިއަހަރު މެދުތެރޭ ފަށަން ހަމަޖެހުނު ނަމަވެސް ކޮރޯނާގެ ސަބަބުން އެކަމަށް މަގުފަހިވެގެން ގޮސްފައެއް އަދި ނުވެއެވެ.
އެ ފިލްމުން ފެނިގެންދާ ބަތަލާ ތާރާ ސުތައިރާ ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ތާރާ ކުޅޭ ރޯލު ހާމަކުރި ނަމަވެސް ފިލްމުން ފެނިގެންދާނެ އެހެން ކާސްޓުންގެ ރޯލު ހާމަކޮށްފައެއްނުވެއެވެ.
އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ.
"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.