އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހާރޫން އައްޔަނުކޮށްފި

އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރި ހާރޫން ރަޝީދު --

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި ދާދި ފަހުން އުފެއްދި ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ގއ، ވިލިނގިލި، ހިޔަލީގެ، ހާރޫން ރަޝީދު އައްޔަނުކޮށްފިއެވެ.

އެ ކުންފުނި ހިންގަނީ ސަރުކާރު ހިއްސާވާގޮތަށް މޯލްޑިވްްސް ފައިނޭންސް ކޯޕަރޭޝަން މެނޭޖްމަންޓްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ.

ހާރޫން "ސަން" އަށް ވިދާޅުވީ އޭނާ އެ މަގާމަށް އައްޔަކުރީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެ ކުންފުންޏަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފިޝަރީޒް އަދި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންވެސް ވަގުތީ ގޮތުން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާކަަމަށް ހާރޫން ވިދާޅުވިއެވެ.

ނިމިގެން ދިޔަ ދެ މަޖްލިސް އިންތިހާބްގައިވެސް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހާރޫން ވަނީ ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވައިފައެވެ.

އޭގެ އިތުރުން އެސްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެންޓްރެކް މޯލްޑިވްސްގެ މެނޭޖަރުގެ މަގާމުވެސް ހާރޫން ފުރުއްވައިފައެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން މާސްޓާސްވެސް ހާސިލްކުރައްވައިފައެވެ.

ރަމްޟާން މަހު ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ހައްދާފައިވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރަށު ކައުންސިލްތަކާ ގުޅިގެން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ގަތުމުގެ އިންތިޒާމްތައް އެކުންފިން މިހާރު ވަނީ ހަމަޖައްސައިފިއެވެ.

comment ކޮމެންޓް