ލޮކްޑައުންގެ ބަލިމަޑުކަން: މާޔޫސްވެ، ނަފުސުތައް މަރުވަނީ!

ދެލައްކައެއްހާ މީހުން ދިރިއުޅޭ ވެރިރަށް މާލެއާ އެކު މުޅި ރާއްޖޭގެ ރައްޔިތުން މިތިބީ ލޮކްޑައުން އެއްގަ އެވެ. ގިނަ މީހުން ތިބީ މުޅި އާއިލާއާ އެކު ހަތަރު ފޫޓު ހަތަރު ފޫޓްގެ ގޮޅިއެއްގައި ބަންދުވެފަ އެވެ. ގިނަ ގެ ތަކަށް ދުވާލުގެ އަލިކަމެއް ނުލިބެ އެވެ. ރޭ ދުވާ ވަކިކުރަން ނޭނގޭ ހާލަތުގައި ތިބި ގިނަ މީހުން މިދުވަސް ވަރު ތަހައްމަލު ކުރަމުންދާ އިހުސާސްތައް ބުނެދޭކަށް ނޭންގޭނެ އެވެ. ބިރުވެރި ކަމާއި ހާސްކަމުގެ މަސްހުނިވެފައިވާ އިހުސާސްތަކުގެ ތެރެއިން އުފަންވެގެން އަންނަނީ ނަފްސާނީ ބަލި މަޑުކަމެވެ. ލޮކްޑައުންއާ އެކު މީހުންގެ އިހުސާސްތަކާއި ވިސްނުންވެސް އަދި ސިނކުނޑި މިވަނީ ބަންދުވެ އެންމެންގެ އިހުސާންތެރިކަމަށް ބޭނުންވެފަ އެވެ.

މުޅި ދުނިޔޭގައިވެސް ނަފްސާނީ ބަލިމަޑުކަން މިވަނީ ކޮވިޑް-19 ގެ ސަބަބުން ބޮޑުތަކުން އިތުރުވެގެން ގޮސްފަ އެވެ. އެމެރިކާ އަދި ޔޫކޭ ފަދަ ގައުމުތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ގައުމުތަކުގައި މީހުން ނަފްސާނީ ބަލިތަކަށް ކާ ބޭސް، އެންޓި އެންޒައިޓީ އަދި އެންޓި އިންސޮމްނިއާ ފަދަ ބޭސް ބޭނުން ކުރަން ޖެހޭ މިންވަރު ވަނީ އިތުރުވެފަ އެވެ. ރާއްޖޭގެ ތަފާސްހިސާބިތަކަށް ބަލާއިރުވެސް އެ މިންވަރު ހުރީ ކަންބޮޑުވާ ދަރަޖައިގަ އެވެ.

އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ނަފްސީނީ ބަލިތަކަށް ފަރުވާ ދޭ ގައުމީ އިންސްޓިޓިއުޓްއަށް ނަފްސާނީ ބަލިތަކުގައި ދައްކާ މީހުންގެ ދެގުނަ ވަނީ އިތުރުވެފައި.

އައިޖީއެމްއެޗުގެ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރު ޑރ މުހައްމަދު އާރިފް ވިދާޅުވީ ނަފްސާނީ އެކި އެކި މައްސަލަތައް ހުރެގެން މިދިއަ މަހު ބެލި މީހުންގެ އަދަދު މިދިއަ އަހަރުގެ އެ މުއްދަތުގައި ބެލި މީހުންގެ އަދަދާ އަޅާ ބަލާއިރު ދެގުނަ އިތުރުވެފައި ވާ ކަމަށެވެ. މިދިޔަ މަހު އެކަނިވެސް ނަފްސާނީ އެކި އެކި މައްސަލަތައް ހުރެގެން 615 މީހަކު އައިޖީއެމްއެޗަށް ދައްކާފައިވާ ކަމަށް ޑރ އާރިފް ވިދާޅުވި އެވެ.

ރެޑްކްރެސެންޓުންވެސް ފާހަގަ ކުރާ ގޮތުގައި އެ ޖަމްއިއްޔާގެ ސައިކޯ ސޯސިއަލް ސަޕޯޓްގެ ހިލޭ ގުޅޭ ހޮޓްލައިން 1425 މީގެ ދެދުވަސް ކުރިން ހުޅުވާލިފަހުން 95 ފަރާތަކަށް ނަފްސާނީ އެހީ ފޯރުކޮށްދެވިއްޖެ އެވެ.

"މިކުޑަ ސްޓެޓިސްޓިކުންވެސް އެބަ އެނގޭ އަޅުގަނޑުމެން ތެރޭގައި ނަފްސާނީ އަސަރުތައް ކުރާކަން. އަދި މިކަން އިތުރުވާނެ ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ މި ސްކޭލް ބޮޑުވަމުން ދާ ވަރަކަށް." ޑރ މުހައްމަދު އާރިފް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ހާސްކަން

މިދުވަސްވަރު މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އާ ގުޅިގެން ދިމާވާ އެކި ކަންކަމުގައި އަންނަ ކަންބޮޑުވުމެވެ. ވެކްސިނެއް ބޭހެއް ނެތް މި ބައްޔާ ގުޅިގެން މީހުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ދެން ވާނޭ ގޮތަކާ މެދު ފިކުރުކުރާ މީހުން މިވަނީ ގިނަ ވެފަ އެވެ. ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތް ނެތިފައިވާ މީހުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ޑރ. އާރިފް ފާހަގަ ކުރެއްވި ފަދައިން މިދަނޑުވަޅުގައި އަހަރެމެންނަށް ބާރު ނުފޯރުވޭނެ ކަންކަންވެސް އެބަ ހިނގަ އެވެ. އެކަމަކު، ޑޮކްޓަރުގެ އިރުޝާދަކީ ހާސްވާ ވަގުތުވެސް އަހަރުމެން ވިސްނަންވީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމެވެ. ޕޮޒިޓިވްކޮށް ވިސްނަންވީ އެވެ.

ޑރ. އާރިފް އިތުރަށް ވިދާޅުވި ގޮތުގައި އިންސާނުންނަށް ނަފްސާނީ ގޮތުން އެންމެ އުނދަގޫވާ ކަމަކީ ކޮންޓްރޯލް ނުކުރެވޭ ކަންތައްތަކެއް ހުރުމެވެ. އެހެންވީމަ މިހާލަތުގައި ކޮންޓްރޯލް ކުރެވޭ ކަންކަމަށް ފޯކަސްކޮށް އެކަންކަމަށް ކޮންޓްރޯލް އަނބުރާ ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އާރިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޭގައި ބަންދުވެފައި ތިބޭއިރު ވަކި ރޫޓިން ތަކެއް. ވަކި ވަގުތުތަކެއް ކަނޑައަޅައިގެން ކަންތައްތައް ކުރުން. ނިދުމާއި ހޭލުމާއި ކެއުމާ މި ގަޑިތައް ބައްޓަން ކުރުމަކީ މުހިންމު ކަމެއް." ޑރ. މުހައްމަދު އާރިފް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާރިފު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީސޯސީ

އެހެން ބުނި ނަމަވެސް ނިދުމާއި ކެއުމާއި ވަކި ޝެޑިއުލްއަކަށް ކަންކަން ކުރުމަކީ ހާސްވެ ކަންބޮޑުވެފައިވާ މީހަކަށް ކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ. އެއީ އެހީ ހޯދަން ޖެހޭ ހިސާބެވެ. އެ ހިސާބުން، ތިމާގެ ހުރި ކަންބޮޑުވުންތައް އިތުބާރު ކުރެވޭ މީހަކާ ހިއްސާކުރަންވީ އެވެ. އަދި ގޭގައި ބަންދުވެފައި އޮންނަން ޖެހުނަސް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާތްމީހުންނާއި އާއިލާއާ ކައިރިވެ، ގުޅުން ބަދަހިކުރަންވީ އެވެ. ދުރުގައި ވިޔަސް އެކުގައި ވެވިދާނެ އެވެ.

ރޯދަ މަހު ހާއްްސަކޮށް ހެއްދެވި ފަރާތާ އޮންނަ ގުޅުން ވަރުގަދަކޮށް ގިނަވަގުތު އަޅުކަމުގައި ހޭދަ ކުރުމަށް ޑރ. އާރިފް ބާރުއެޅުއްވި އެވެ. އޭގެ އިތުރުން 24 ގަޑިއިރު ހުއްޓުމެއް ނެތި ކޮވިޑާ ބެހޭ މައުލޫމާތު ޓީވީތަކުން އަޑުއަހާ ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމަކީ ހާސްކަން އިތުރުވާ ކަމެއްކަން ޑޮކްޓަރުން ފާހަގަ ކުރެ އެވެ.

ކޮވިޑް އެންމެ ބާރަށް ފެތުރޭ އެހެން ގައުމުތަކެކޭ އެއް ފަދައިން ރާއްޖޭގައިވެސް އެންޓި އެންޒައިޓީ ބޭސް މީހުން ބޭނުން ކުރަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ޑރ. އާރިފް ފާހަގަ ކުރެއްވި އެވެ. އެގޮތުން މީގެ ކުރިން އެ ބޭސް ބޭނުން ކުރާ މިންވަރަށްވުރެ ބޮޑުތަނުން ބޭސް ބޭނުން ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަޅުގަނޑުމެންގެ ބަލިމީހުންގެ ވެސް އަދި ޖުމްލަކޮށް މުޖުތަމައުގެ މީހުންވެސް ނުނިދުމާއި ބިރުގަތުމާއި ހާސްވުމާއި. މިކަންކަމަށް އެންޓި އެންޒައިޓީ ބޭސް ބޭނުން ކުރަން ޖެހޭ. އަޅުގަނޑުމެން ބަލަނީ ވީހާވެސް ބޮޑަށް ބޭސް ބޭނުން ނުކޮށް ވާހަކަ ދައްކަައިގެން އެހެންނޫނިއްޔާ އެހެން އުޅެއް ބޭނުންކޮށްގެން މީހުންނަށް ލުއި ގޮތްގޮތް ހޯދައިދެވޭތޯ. ދެން އެހެންނަމަވެސް ބޭސް ކުރަން ޖެހޭ މިންވަރު ހަމަ ގިނަ،" ޑރ. އާރިފް ވިދާޅުވި އެވެ.

އެއީ ޝަކުވާއެއް ނޫން އެމީހުންގެ ވާހަކަ އަޑުއަހާލާ

ކަންބޮޑުވުމާ ހާސްކަމުގެ ތެރެއިން މީހަކު ވާހަކަތައް ހިއްސާ ކުރުމުން އެއީ ޝަކުވާ ކަމުގައި ދެކޭ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންގެ އެމީހުންގެ އެ ބަންދު ކޮޓަރީގެ ތެރޭގަައި ކުރެވޭ އިހުސާސްތަކުން އެކަހެރިވުމަށް ކުރާ ޝަކުވާއަށް މީހުންގެ ރައްދުތައް އަންނަނީ އޭނާގެ ހާލަތު އިތުރަށް ގޯސްވާ ގޮތަށެވެ. އެހެން ނުހަދަން ނަފްސާނީ ބަލީގެ ޑޮކްޓަރުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެކަހެރިވެ މީހުންނާ ދުރުގައި އިންނަ މީހާގެ ކަންބޮޑުވުންތައް އަޑުއަހާލާށެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މިކަހަލަ ކާރިސާ ތަކުގައި ނިކަމެތިންނާއި ފަގީރުންނަށް އަސަރުކުރާލެއް ބޮޑުކަން. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަސަރުކުރާލެއް ބޮޑުކަން. ރައްކާތެރި މާހައުލެއްގައި ނެތް. ގެވެށިއަނިޔާގެ މިކަހަލަ ޝިކާރައަކަށް ވާ މީހުންނަށް ބޮޑުކަން. ރަނގަޅު ނޫން މާހައުލުގައި ތިބޭ ކުޑަކުދިންނަށް އަސަރުކުރާލެއް ބޮޑުކަން. މަސައްކަތްތެރިންނަށް ބިދޭސީންނަށް އަސަރުކުރާލެއް ބޮޑުކަން. މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް އަސަރުކުރާލެއް ބޮޑުކަން. މިއީ އެހީތެރިކަން ބޮޑަށް ބޭނުންވާ ފަރާތްތައް." ޑރ އާރިފް ވިދާޅުވި އެވެ.

ކަމަކާ ހާސްވެ ކަންބޮޑުވާ ނަމަ، އެ ކަންކަން މީހަކާ ހިއްސާ ކުރޭ، އަދި އެ މީހުންގެ ވާހަކަ އަޑުއަހާ --

މިކަހަލަ ބޮޑު ކަމެއްގެ ތެރޭގައި ކޮންމެ އިންސާނެއްގެވެސް ކަންބޮޑުވުމާއި ހާސްކަން ހުންނާނެ އެވެ. އަދި އެހެން މީހުންގެ އެހީއާއި ހިޔާލު އަދި މަޝްވަރާއަށް ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. އެކެއް އަނެކެއްގެ ހިޔާލު ހޯދަން ނުވަތަ އެހީދޭ ފަރާތްތަކުގެ އެހީ ހޯދަން ލަދު ނުގަންނާށެވެ. ނޫނީ ނަފްސާނީ ހާލަތު ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

"އެހީ ހޯދުމޭ މިބުނަނީ ކޮންމެހެން ޑޮކްޓަރަކަށް ދާށެކޭ ނޫން. އެހީ ހޯދުމޭ މިބުނަނީ އިތުބާރު ހިފޭ ގާތް ރައްޓެއްސަކާ އާއިލާ މީހަކާ ވާހަކަދައްކާލާށޭ." ޑރ. އާރިފް ވިދާޅުވި އެވެ.

މޯލްޑިވްސް ރެޑްކްރެސެންޓުގެ މައީދު މުހައްމަދު ޒާހިރު ވިދާޅުވީ ދިވެހިން އެކަކު އަނެކަކަށް އަޅާލަންވީ ވަގުތަކީ މިއީ ކަމަށެވެ. އަދި ބޭރު މީހުންނަށްވެސް އަޅާލަންވީ ވަގުތަކީ މިއީ ކަމަށް މައީދު ވިދާޅުވި އެވެ. ހާސްކަމުގައި ހުންނަ މީހާއާ ވާހަކަ ދައްކާލާއި އެމީހާގެ ވާހަކަ އަޑުއެހުމަކީ މިގަޑީގައި ވެވޭނެ އެންމެ ބޮޑު އެހީކަން އޭނާ ފާހަގަ ކުރައްވަ އެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. މީހެއްގެ ވާހަކަ އަޑުއަހާލާކަށް ފައިސާތަކެއް ހަރަދު ކުރާކަށް ނުޖެހޭނެ އެވެ. ގިނަ މީހުން ބޭނުންވަނީ އެމީހުންގެ ކަންބޮޑުވުން މީހަކާ ހިއްސާކޮށްލާށެވެ. އެވަރުން ނުފުދޭ ނަމަ، ޕްރޮފެޝަނަލް އެހީ ހޯދާށެވެ.

ގޭގައި ހުރެ ހާސްވެ ހަދާނެ ގޮތް ހުސްވާ ނަމަ ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ނޫނީ އަބަދުވެސް ނުތަނަވަސްވެ، ރުން ކުރުވާ ނަމަ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުން އަންނަނީ ސައިކޯސޯޝަލް ސަޕޯޓަށް ހިލޭ ފޯރުކޮށްދެމުންނެވެ. އެ ޖަމްއިއްޔާއިން އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން، 1425 އަށް ގުޅައިގެން އެހީ ހޯދިދާނެ އެވެ. އެ ނަމްބަރަށް ގުޅޭނެ ގަޑިތަކަކީ، މެންދުރު 12:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން މެންދަމު 12:00 އަށެވެ.

އަވަހަށް އެހީ ހޯދާށެވެ. އެކަމާ ލަދު ނުގަންނާށެވެ.

comment ކޮމެންޓް