ކޮވިޑްއާ އެކު އިމާރާތްކުރުމުގެ ދާއިރާ 50 ޕަސެންޓް ހީނަރުވެއްޖެ: ޖަނާ

އިމާރާތްކުރުމުގެ މަޝްރޫއެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް 50 ޕަސެންޓު ހީނަރުކަމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާޙު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އިން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވާ ގެއްލުންތަކާ ބެހޭގޮތުން މަސީއިން މިއަދު ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.

އެ ރިޕޯޓު އާންމުކުރަން މަސީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖަނާހު ވިދާޅުވީ ކޮވިޑް19އާ ގުޅިގެން މަޝްރޫއުތައް ހުއްޓިފައި ހުރުމާއެކު އިމާރާތްކުރުމުގެ ސިނާއަތަށާއި އެ ސިނާއަތުގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ހެދި ދިރާސާއަކުން ލަފާކުރެވޭ ގޮތުގައި މަސީގެ މެމްބަރު ކުންފުނިތަކަށް ކުރިއަށް އޮތް ތިން މަހު 617 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ." ޖަނާހު ވިދާޅުވި އެވެ.

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު-- ސަން ފޮޓޯ

މި ގެއްލުންތަކުން އަރައިގަންނަން ސަރުކާރުން ކޮށްދޭން ޖެހޭ ބައެއް ކަންކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި މިހާރު ނިމިފައި ހުރި މަޝްރޫއުތަކަށް ނުލިބި ހުރި ފައިސާ ހޯދައިދިނުމާއި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކުންފުނިތައް މެނޭޖު ކުރަން ލޯނު ދޫކޮށްދިނުން ހިމެނެ އެވެ.

ޖަނާހު ވިދާޅުވީ މިއީ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމުން އާމްދަނީ ނުލިބޭތީ ލިބޭ ގެއްލުމެއް ކަމަށާއި މިކަމުން އަރައިގަތުމަށް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ކޮންމެ މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

ލޯނު އުސޫލުން ނަގާ މި ފައިސާ އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ހިނގަމުންދިޔަ މަޝްރޫއުތައް ފިޔަވައި އެހެން ހުރިހާ ޕީއެސްއައިޕީ މަޝްރޫއުތައް ވަނީ ހުއްޓާލާފަ އެވެ.

މަސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 2.795 ބިލިއަން ރުފިޔާ އެވެ. އަދި އަލަށް ފަށަން ނިންމާފައި އެހެން ނަމަވެސް ލޮކްޑައުންއާ ގުޅިގެން ހުއްޓާލި މަޝްރޫއުތަކުގެ އަގަކީ 7.2 ބިލިއަން ރުފިޔާ އެވެ.

ޖަނާހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މުޅިން ހީނަރުވުން ހިފެހެއްޓުމަށްޓަކައި އިމާރާތް ކުރުމުގެ ސިނާއަތް ހުއްޓުނަ ނުދީ މަޝްރޫއުތައް ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށެވެ.

މިކަން ކުރުމަށްޓަކައި މަސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް

  • ސްޓިމިއުލަސް ޕެކޭޖުތައް ވީހާ ވެސް އަވަހަށް ދޫކުރުން
  • ފައިސާ ހަމަޖެހިފައި ހުންނަ މަޝްރޫއުތައް ކުރިއަށް ގެންދަން އިސްކަން ދިނުން
  • ހުއްޓިފައި ހުރި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ހޯދަން އެހީވުން
  • އެކި ސެކްޓާތަކަށް މަޝްރޫއުތައް ބަހާލުން

ޖަނާހު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަތުމަށް ވަގުތު ނަގާއިރު، މި ހާލަތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދެވެން އޮތީ އިމާރާތް ކުރުމުގެ މަޝްރޫއުތައް ކަމަށް ބޭރު ގައުމުތަކުން ވެސް ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް