ލޮކްޑައުންގައި އޮތް ކެނދިކުޅުދޫއަށް އެރި ދެ މީހަކު ހައްޔަރުކޮށްފި

މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްގެނ ގެންދަނީ- ފޮޓޯ ފުލުހުން

ލޮކްޑައުންގެ ހާލަތުގައި އޮތް، ނ. ކެނދިކުޅުދޫއަށް ހުއްދަ ނެގުމަކާ ނުލާ ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާާޅުވީ މިއަދު ފަތިހު 5:30 އެހާކަންހާއިރު ނ. މާާޅެންދޫއިން ދެ މީހަކު އެ ރަށު ޓާސްކުފޯސްއަށް ވެސް ނޭނެގި އެ އަތޮޅު ކެނދިކުޅުދޫއަށް ދިޔަ ކަަމަށެވެ.

އެ ދެ މީހުން އެރަށަށް ދިޔައީ ދޯނީގެ ވެރިފަރާތުގެ ހުއްދައަކާވެސް ނުލާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެ މީހުން ހައްޔަރުކުރީ ކެނދިކުޅުދޫއަށް ދިއުމަށްފަހު އެނބުރި މާޅެންދޫއަށް އައިތަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 37 އަދި 29 އަހަރުގެ ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ބުންޏެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހުއްދަ ނެތި އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ. ކެނދިކޮޅުދޫއަކީ ކޮރޯނާއާ ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ރަށެކެވެ. އެ ރަށް މޮނީޓަރިއަންއަށް ލީ، މިފަހުން އެ ރަށަށް ދިޔަ ށ. ނަރުދޫ އަމާޒު ބޯޓްގެ ކައްޕި އެ ވައިރަހަށް ޕޮޒިޓިވްވުމުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ފަތާފައި ދިޔަ މީހަކާއި ކެނޯއެއްގައި ރަށަކަށް ދިޔަ މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮރޯނާ ޖެހިފައިވާ 220 މީހުން މިހާރު ރާއްޖެއިން ވަނީ ފެނިފަ އެވެ.

comment ކޮމެންޓް