ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ބޭނުން ކުރާ ތަކެތިން ޑިއުޓީ ކަނޑާލައިފި

މާޗް 25، 2020: ސިއްހީ ހިދުުމަތްތެރިއެއް ރައްކާތެރިކަމުގެ ސާމާނު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށް ބޭނުން ކުރާ ބައެއް ސާމާނުން އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުކޮށްދެއްވަައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ.

އެގޮތަށް ރައީސް ސޯލިހު ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދެއްވީ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ގެ އަށް ވަނަ މާއްދާގެ ހ. އާއި ށ. އިން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އަށް ވަނަ މާއްދާގެ ހ. އާއި ރ. ގެ ދަށުން ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދެއްވައިފަ އެވެ. އެ ތަކެއްޗަކީ ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި، މާސްކާއި، ފޭސް ޝީލްޑް، އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ ފަދަ ބައެއް ތަކެއްޗެވެ.

ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރިފައިވާ އިރު ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ބޭނުންވާ ތަކެތީގެ މުހިންމުކަން މިހާރު ވަރަށް ބޮޑެވެ. މިފަދަ ބައެއް ތަކެތި ބަންގްލަދޭޝް، އިންޑިއާ އަދި އެމެރިކާއިނ ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 228 މީހުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް