އެމްޓީސީސީގެ ސީއީއޯ ވެސް ލޭ ހަދިޔާ ކުރައްވައިފި

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ލޭ ހަދިޔާ ކުރައްވަނީ-- ފޮޓޯ/އެމްޓީސީސީ

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ލޭ ހަދިޔާކޮށްދިނުމަށް އެދުނު އެދުމަށް އިޖާބަ ދެއްވައި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ލޭ ހަދިޔާ ކުރައްވައިފި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެ އެމްބީއެސްގައި ހުރި ލޭގެ ސްޓޮކް ހުސްވާން ގާތް ވެފައިވުމުން އެކި ފަހަރު މަތިން ލޭ ހަދިޔާކޮށްދޭން ވަނީ އެދިފަ އެވެ.

ތެލެސީމިއާ ކުދިންގެ ދެބައިކުޅަ އެއްބައި ކުދިންނަކީ އޯ ޕޮޒިޓިވް ގުރޫޕުގެ ކުދިން ކަމަށްވުމާއެކު އެންމެ ބޮޑު ޑިމާންޑެއް އޮތީ އޯ ޕޮޒިޓިވް ލެއަށް އެމްބީއެސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެއާއެކު ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ އިތުރުން އެކި ޖަމިއްޔާތަކުން ވެސް ވަނީ ލޭ ހަދިޔާ ކޮށްދީފަ އެވެ.

އެމްބީއެސްއަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ހުކުރު، ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 3:00އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ.

އެ ގަޑިތަކުގައި އެމްބީއެސްގެ ނަންބަރު 3306089 އަށް ގުޅުމުން ލޭ ހަދިޔާކުރަން ދިއުމަށް ވަކި ގަޑިއަކަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދެ އެވެ.

ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް ނަމަވެސް، ލޭ ހަދިޔާކުރަން އެދުމުން އެމްބީއެސްއަށް ދިއުމަށް ފުލުހުން ވަކި ހުއްދައެއް ދޫކުރެ އެވެ.

comment ކޮމެންޓް