ބްރޯޑްކާސްޓިން އަހަރީ ފީ ދެއްކުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދީފި

ފެބްރުއަރީ 12، 2020: މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާ ބައްދަލުކުރެެއްވުން --ސަންފޮޓޯ/ އަހްމަދު ސައީދު

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގް އާއި ރީބްރޯޑްކާސްޓިންގް އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.

މީގެ ކުރިން އަހަރީ ފީގެ ކޮމިޝަނަށް ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ ވެސް މާޗް 31ގެ ނިޔަލަށެވެ.

އެހެން ނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ފީ ދެއްކުން މިމަހުގެ 30 އާ ހަމައަށް ކުރިން އޮތީ އިތުރުކޮށްދީފަ އެވެ.

ނަމަވެސް، ކޮވިޑް-19 ގެ ޙާލަތު ބަދަލުވެ، މާލެ ސިޓީ ލޮކްޑައުން ކުރުމާގުޅިގެން ދައުލަތުގެ އިދާރާތައް އިތުރަށް ބަންދުކުރަން ޖެހުމާ ގުޅިގެން އަހަރީ ފީ ދެއްކުން އަންނަ މަހުގެ 31 އަށް މިހާރު އިތުރުކޮށްފައިވާ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުމަށް ވެސް ބްރޯޑްކޮމްއިން މިހާރު ދަނީ މަސައްކަތް ކުރަމުންވެެ. އެގޮތުން ހިދުމަތް ދިނުމުގައި މާލީ ދަތިތަކެއް ކުރިމަތިވެފައިވާ ނަމަ އެކަން އެންގުމަށް ވެސް ބްރޯޑްކޮމްއިން ވަނީ އެދިފަ އެވެ.

comment ކޮމެންޓް