ކެނޯއެއްގައި ކުޅުދުއްފުއްޓަށް ދިޔަ ދެމީހަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށި ސިޓީ: -- ފޮޓޯ/ ޕީއެސްއެމް

ކޮވިޑް 19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހުއްދަ ނެތި ހދ. ކުރިނބީ އިން ކުޅުދުއްފުއްޓަށް ދިޔަ ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް، ހުއްދަ ނުހޯދާ ކުރިނބީ އިން ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ދެ މީހަކު ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭ 11:30 ހާއިރު ކަމަށާއި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކެނޯއެއްގައި ދެމީހަކު ކުޅުދުއްފުއްޓަށް ގޮސްފައިވާއިރު އެ ސިޓީ އޮތީ ލޮކްޑައުން ކޮށްފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. މިގޮތަށް ދަތުރު ކުރެވޭނީ އެޗްޕީއޭ އާއި ރަށްރަށުގެ ކައުންސިލްތަކުގެ ހުއްދަ ލިބިގެންނެވެ.

މީގެ ކުރިންވެސް މިގޮތަށް ހުއްދަ ނެތި އެއްރަށުން އަނެއްރަށަށް ދަތުރު ކުރި މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް