ނިޔަތަކީ ކޮންމެ އަޅުކަމެއްވެސް އެކަމެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އަސާސެވެ. ރޯދަމަހުގައިވެސް ހިފާ ކޮންމެ ރޯދައަކަށް ވަކިން ނިޔަތް ގަންނަން ޖެހޭނެތޯ ނުވަތަ ނިޔަތް ކިޔަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ގިނަ ބަޔަކު އޮޅުން ފިލުވާލަން ބޭނުންވެއެވެ.
މިއަދުގެ ރޯދަ ސުންބުލީގައި އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ޖަވާބުދީފައިވަނީ މި ސުވާލަށެވެ.
ސ: ރޯދައަށް ނިޔަތް ގަންނަންޖެހެނީ އަނގަބަހުންތަ؟ ރޯދަ ހިފާ ކޮންމެ ދުވަހަކަށް ވަކިން ނިޔަތް ގަންނަންޖެހޭނެތަ؟
ޖ: ނިޔަތް ގަތުމަކީ ކޮންމެ އަޅުކަމެއްގައިވެސް ވަރަށް މުހިންމުކަމެކެވެ. އުސްތާޒާ ސާމިޔާ ވިދާޅުވާގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފުމުގައި އޮންނަ ގޮތަކީ ފުރަތަމަދުވަހު ކޮންމެހެންވެސް ރޯދަ ހިފުމަށް ނިޔަތް ގަންނަންޖެހޭނެ އެވެ. ހަމައެހެންމެ އަބަދުވެސް ރޯދަ ހިފުމުގެ ނިޔަތް މުޅި ރޯދަމަހަށް އޭނާގެ ހިތުގައި އޮންނަނަމަ އިލްމުވެރިން ވިދާޅުވަނީ އޭނާ ކޮންމެ ރެއަކު ވަކިން އަދި ނިޔަތް ނުކީނަމަވެސް ރޯދަހިފުމުގެ ގަސްތު އޭނާގެ ހިތުގައި އޮންނަނަމަ އޭނާގެ ރޯދަ ރަނގަޅުވާނެ ކަމަށެވެ.
ހަމައެޔާއެކު ރޯދައިގެ ނިޔަތަކީ އެއްވެސް ހާލެއްގައި ދުލުން ކޮންމެހެން ކިޔަންޖެހޭ އެއްޗެއް ނޫންކަމެއް ކަމުގައި ފާހަގަކޮށް ސާމިޔާ ވިދާޅުވީ ރޯދަ ހިފުމުގެ ގަސްތު ހިތުގައި އޮތުމުން ފުދޭނެ ކަމަށެވެ.
މިއާ ޚިލާފަށް ސުންނަތް ރޯދައިގައި ރޭގަނޑު ކޮންމެހެން ހިތުގައި ނެތަސްވެސް ހެނދުނު ހޭލައިގެން އެހެން ގަސްތުކޮށްފިކަމުގައިވާނަމަ އެހިސާބުންވެސް ރޯދައަށް ހުރެވޭނެ އެވެ. ނަމަވެސް ފަރުޟު ރޯދައިގައި ފަޖުރުއްސާދިގުގެ އަލިކަން ފާޅުވުމުގެ ކުރިން ހިތުގައި އެ ގަސްތު ނުވަތަ ނިޔަަތް އޮންނަންޖެހޭނެ އެވެ.