ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް މީހުން ގޮސް، ހިދުމަތް ހޯދުމަށް ޓަކައި ފުލުހުންގެ ދޫކުރާ ހުއްދަ ނަގައިގެން މާލެ ވަށައި ބުރުޖަހަން ދިޔަ ކޭސްތަކެއް ފެންމަތިވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ލުއިތައް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ހުއްދަތައް ބޭނުންކުރަން ފަށައިފިނަމަ ދަތިތަކެއް ކުރިމަތިވާނެކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް އަޑުއިވޭ ބައެއް ކޭސްތައް. މިސާލަކަށް ޒަރޫރީ ބޭނުމަކަށް ހުއްދައެއް ނަގައިގެން މާލެ ވަށާ ބުރެއް ޖަހާލަން، މިގޮތަށް ގޮސްފައި ހުރި ކޭސްތަކުގެ ވާހަކަ ވެސް އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ފުލުހުންގެ ހުއްދައާއެކު މާލެ ތެރޭގައި މާބޮޑަށް މީހުން ގިނަވެ، ބަލި އިތުރަށް ފެތުރޭކަމަށް ފެނިއްޖެނަމަ ފުލުހުން އިތުރު ފިޔަވަޅު އަޅާނެ ކަމަށާއި، އެއާއެކު އާންމު ހާލަތު އިތުރަށް އުނދަގޫވެގެން ދާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ހާލަތަށް އަންނަ ބަދަލާއެކު ޑެލިވަރީ ކުރުން މުޅިން ހުއްޓާލަން ޖެހިދާނެ ކަމަށެވެ.
އެވާހަކައަށް އިޝާރާތް ކުރައްވައި، މަބްރޫކް ވިދާޅުވީ އެފަދަ ހާލަތަކަށް ނުދިއުމަށް ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ވެސް މަބްރޫކް އެދިވަޑައިގަތެވެ.
"ހުރިހާ ބޭފުޅުން ވެސް، ތަންތަނަށް ވަޑައިގަންނަވާ އިރު، އަދި ހުއްދައެއް އޮތަސްވެސް ކޮންމެހެން ދާން ޖެހިގެން ނޫނީ ތަނަކަށް ނުދިއުން ފުރަތަމަ ކަމަކަށް. އަދި އެ ތާކަށް ގޮސް ވީހާވެސް މަދު ވަގުތެއް ހޭދަކުރުމަށްފަހު އަނބުރާ އައުން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އާންމު ހާލަތު މިހާރު އޮތް ހިސާބުގައި ވެސް ބޭއްވޭނީ ކޮންމެ މީހަކު ވެސް އެކަހަލަ ކަންކަމަށް ސަމާލުވެގެން ކަމަށެވެ. އެހެން ނޫންނަމަ އިތުރު ދަތިތަކެއް ދިމާވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭސީޕީ ނަވީން މިރޭ ވިދާޅުވީ މިއަދު ޕޯޓަލް މެދުވެރިވެގެން 741 މީހަކަށް ފާސް ދޫކުރެވިފައިވާ ކަމަށާއި، މިހާތަނަށް މުޅި ޖުމްލަ 23،188 ފާހެއް ދޫކުރެވިފައިވާ ކަމަށެވެ.
ފާސް ދޫކުރަނީ 26 ޒޯނަކަށް ބަހާލައިގެންނެވެ. ކޮންމެ ޒޯނަކަށް އެއް ފަހަރާ ދޫކުރަނީ 65 ފާހެވެ. ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި މިހާރު ކޮންމެ ދެ ދުވަހަކު ބޭނުންްކުރެވޭ ދާއިމީ ފާހެއް އަންނަނީ ދޫކުރަމުންނެވެ.
ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މިއަދު ނުވަ މީހަކު ހައްޔަރުކޮށް، 122 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.