ޝައްކުވެގެން އެކެހެރިކުރާ މީހުންނާ މެދު ނުބައި ގޮތަކަށް ނުދެކޭ

މާޗް 31، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އަލާމާތްތައް ފެނި ޝައްކުވެގެން މީހަކު އެކެހެރިކުރި ނަމަވެސް ނުބައި ގޮތަަކަށް ނުދެކުމަށާއި އެ މީހުންނާ މެދު އިހުސާންތެރިކޮށް ހިތުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައިފި އެވެ.

ކޮވިޑްއާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގެއަކުން މީހަކު ޕޮޒިޓިވް ވުމުން، އެ ޕޮޒިޓިވްވި މީހާއާ މެދު ދެކޭގޮތް މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"މި ބަލީގައި ކޮންމެ މީހަކު ވެސް ބަލިވެދާނެ. ބައްޔަސް ބިރުގަތުމަކީ އޮންނަން ވާނެ ކަމެއް. އެކަމު ބައްޔާ ވިދިގެން އެހެން މީހަކާމެދު ނިކަމެތިކޮށް ހިތުން، އެއީ ތަފާތުކޮށް އެކެހެރިކުރުމުގެ ވިސްނުން އަޅުގަނޑުމެން ހުރެގެން ނުވާނެ." އަފްޒަލް ވިދާޅުވި އެވެ.

ކޮރޯނާއަށްް ޝައްކުވާ މީހަކު ފެނިއްޖެނަމަ މިހާރު އަލަލުކުރަމުންދާ އުސޫލުގެ ދަށުން އެމީހަކު ދިރިއުޅޭ ގެއެއް މޮނީޓަރިންގެ ހާލަތަށް ލައެެވެ. އެ ހާލަތަށް ލުމަށްފަހު ޓެސްޓްތައް ހަދައި ރައްކާތެރިކަން ކަށަވަރުކުރަން އެފަދަ ގެތަކަށް މީހުން ވަނުންވެސް މަނާކުރެ އެވެ.

އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މީހުން ރެންޑަމްކޮށް ޓެސްޓްތައް ކުރަން ފެށުމަކީވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ.

ގައިދުރު ލައިފްސްޓައިލްއަކަށް ގޮސް ގަވައިދުން އަޅުގަނޑުމެންގެ ގެތަކާއި މަސައްކަތް ކުރާ ތަންތަން ޑިސްއިންފެކްޓްކުރުން ފަދަ ކަންކަމަށް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދުވަސްވަރު އެބަޖެހޭ ގައިދުރުކަން ބަހައްޓަން. އަދި ހަމަ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުަން އާންމު ސާފްތާހިރުކަން އިތުރަށް ރަނގަޅުކުރުން. ދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބެލުން. އަދި ވިއްސާރަ މޫސުމެއް އައިސްގެން މިއުޅެނީ. އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެބަޖެހޭ މަދުވެގެން ހަފްތާއަކު އެއްފަހަރު މުޅި ގެ ފެން ހަރުލާފަ ހުންނަ ތަންތަން ނައްތާލުމގެ ނަޒަރަކުން ސާފުކުރަން" އަފްޒަލް ވިދާޅުވި އެވެ.

comment ކޮމެންޓް