ޗައިނާއިން އުފެއްދި ކޮވިޑް ވެކްސިންގެ ޓެސްޓް ކުރުމުގެ ދެވަނަ ފޭސް ފަށައިފި

ޗައިނާގެ ސައިންޓިސްޓުން ތަހުލީލްތައް ކުރަނީ---

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އަށް ޗައިނާއިން އުފައްދާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދެވަނަ ފޭސްގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި އެވެ.

އިންއެކްޓިވޭޓެޑް ކޮވިން ވެކްސިންގެ ދެވަނަ ޓްރަޔަލްތައް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އަދި ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ގުޅިގެން އުފައްދާ އެ ވެކްސިންގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްތައް އެންމެ ފުރަތަމަ ފެށީ މިމަހު 12 ވަަނަ ދުވަހު އެވެ. މިމަހުގެ 23 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ ކްލިނިކަލް ޓްރަޔަލްތަކުގައި ތިން އުމުރުފުރަޔަކަސް ބަހާލައިގެން 96 މީހަކަށް ވަނީ އެ ވެކްސިން ދީފައެވެ. މިހާތަނަސް ބެލިބެލުމުން އެ ވެކްސިން ރައްކާތެރިކަމަށް ޗައިނާ ނެޝެނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން ބުނެއެވެ.

ފުރަތަމަ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އެފަދަ މަރުހަލާތައް ގެންދާގޮތަށް " ޑަބަލް ބްލައިންޑް ޕްލެސީބޯ ކޮންޓްރޯލް" އަދި "ރެންޑަމް" ކޮށެވެ.

ދެވަނަ ކްލިނިކަލް ޓްރަޔަލްއަށް ފަހު ތިން ވަނަ ކްލިނިކަލް ޓްރަޔަލްވެސް ކުރިއަށްގެންދާނެކަމަށް ސިނޯފާމްް ބުނެއެވެ.

ސިނޯފާމް ބުނީ ހުރިހާ ކްލިނިކަލް ޓްރަޔަލްތަކެއް ނިންމައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ފާމަސޫޓިކަލް ކުންފުނިތަކުންވެސް މިހާރު ދަނީ ކޮވިޑްއަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް