ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހުދުރަންފުށި ދޭން ހުށަހަޅައިފި

ހުދުރަންފުށި ރިސޯޓް---

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ސަރުކާރަށް ހުދުރަންފުށި ރިސޯޓު ދިނުމަށް، އެ ރިސޯޓުން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުދުރަންފުށި ހިންގާ އެއިޓްކަން ސްޕެންސްގެ ހެރީ ޖަޔާވަރުދަނަ އެމަނިކުފާނާ ގުޅުއްވައި އެ ރިސޯޓް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅައިފައިވާ ކަމަށެވެ.

" އެ ހުށަހެޅުން އަޅުގަނޑު މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ހުށަހަޅުއްވާފައި. މިފަދަ އުނދަގޫ ދަނޑިވަޅުގައިވެސް ލަންކާގެ އިންވެސްޓަރުން އަޅުގަނޑުމެންނާއެކު ތިބޭތީ އެބޭފުޅުންނަށް ޝުކުރުދަންނަވަން" ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.


ސަރުކާރުން މިހާރުވެސް ބައެއް ރިސޯޓްތައް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ދަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބައެއް ރިސޯޓްތައްވެސް ހިމެނެއެވެ. އޭގެ އިތުރުން ހުޅުމާލޭގައިވެސް ވަނީ ކަރަންޓީނު ފެސިލިޓީއެއް ހަދައިފައެވެ.

މީގެ ކުރިން ރާއްޖޭގެ މީހުން ދިރުއުޅޭ އެއްވެސް ރަށަކުން ކޮވިޑް ނުފެނުނަސް މި މަހުގެ 15 އިގެ ފަހުން މާލެއިން ބަލިޖެހިފައިވާ މީހުން ދަނީ ފެންނަމުންނެވެ. ބަލި ކޮންޓްރޯލް ކުރަން ލޮކްޑައުންކޮށްފައި އޮތް ނަމަވެސް ބަލި ޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ.

އެގޮތުން ބަލި ޖެހިފައިވާ 116 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައވެެ.

comment ކޮމެންޓް