އޮންލައިން ޖަލްސާއެއްގައި އަމާނާތަކާފުލްއިން ފައިދާއަށް 2.6 މިލިއަން ރުފިޔާ ބަހަން ނިންމައިފި

އަމާނާތަކާފުލް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ސާފު ފައިދާގެ 10 ޕަސަންޓު ހިއްސާގެފައިދާގެ ގޮތުގައި ބެހުމަށް ނިންމައިފި އެވެ.

އަމާނާތަކާފުލްއިން ބުނި ގޮތުގައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަވަސް މުއްދަތެއްގައި ނިމޭނެކަމަށް ނުފެންނާތީ، އެ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އޭޖީއެމް ބޭއްވީ ޒޫމް މެދުވެރިކޮށް، ވާޗުއަލްކޮށް ކަމަށެވެ.

އަމާނާތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު ޓެކްސް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 14.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުންޏެވެ.

އިއްޔެ އަމާނާތަކާފުލް މޯލްޑިވްސްއިން ބޭއްވީ އެކުންފުނީގެ ނުވަވަނަ އަހަރީ އާންމު ޖަލްސާ އެވެ.

އެކުންފުނިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޓަރިމް ފައިދާއެއް ބަހާފައިވެ އެވެ. އިއްޔެ ބޭއްވި އެކުންފުނީގެ ނުވަވަނަ އަހަރީ އާންމު ޖަލްސާގައި ނިންމީ ފައިނަލް ޑިވިޑެންޑު ބެހުމަށެވެ.

އެގޮތުން މިދިޔަ އަހަރު ލިބުނު 2.6 މިލިއަން ރުފިޔާގެ 10 ޕަސަންޓު، ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.

އަމާނާތަކާފުލް މޯލްޑިވްސްގެ ޗެއާމަން ތޮއްޔިބު އަކްބަރު އަލީ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ގޮންޖެހުންތަކަކާއެކުގައި ވެސް ކުންފުނިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައި ކަމަށާއި، އެކުންފުނީގެ އަމާޒަށް ވާސިލުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ރިސްކު ފަންޑު ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތަކުގެ ހަރުދަނާކަމުން ރިސްކު ފަންޑުން ވޭތުވެދިޔަ އެކައުންޓިން ޕީރިއަޑުގައި ތަކާފުލްގެ ހިދުމަތްތައް ނެގި ކަސްޓަމަރުންގެ ތެރެއިން ބަދަލުދޭން ޖެހިފައި ނުވާ ހުރިހާ ފަރާތްތަކަށް ސާޕްލަސްގެ ގޮތުގައި 14 ޕަސަންޓު ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ސާޕްލަސް ޖެހިޖެހިގެން ދޭ ހަތްވަނަ އަހަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަމާނާތަކާފުލްގެ މެނޭޖިންގް ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ މިދިޔަ އަހަރު ކުންފުނި ޓެކްނޮލިޖީއާއި އާ ކަންކަމަށް ރަހުމަތްތެރިވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވި، ކަސްޓަމަރުންނަށް ތަފާތު އާތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު އަޅުގަޑުމެންގެ ސިސްޓަމްތަކުގެ އެހީގައި މިހާރު ލިބެން ހުންނާނެ. އެގޮތުން ވެބްސައިޓް އަދި މޯބައިލް އެޕްވެސް ވާނީ ފާއިތުވި އަހަރު ބޮޑެތި ބަދަލުތަކާއެކު ރިލޯންޗް ކުރެވިފައި. ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައިވާއިރު ކަސްޓަމަރުންގެ ވަގުތު ސަލާމަތް ވެގެންދާނެ،" ހަރީޒް ވިދާޅުވި އެވެ.

އަމާނާތަކާފުލް މޯލްޑިވްސްއަކީ ރާއްޖޭގައި އިސްލާމީ ޝަރީއާ އުސޫލުން އިންޝުއަރަންސް (ތަކާފުލް)ގެ ހިދުމަތް ދޭންފެށި ފުރަތަމަ ކުންފުންޏެވެ. އަމާނާތަކާފުލް މޯލްޑިވްސްގެ މައި ހިއްސާދާރުންނަކީ ސްރީލަންކާގެ އަމާނާތަކާފުލް ޕަބްލިކް ލިމިޓެޑް އެކްސްޕޯލަންކާ ހޯލްޑިންގްސް އަދި އޭޖީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް އެވެ.

comment ކޮމެންޓް