މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައި ގަތުމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް އުފަންވި ހޮސްޕިޓަލަށް 500،000 ޕައުންޑް ހަދިޔާކޮށްފި އެވެ.
ޔޫކޭގެ ވޭލްސް ޓީމުގެ ކެޕްޓަން ބޭލްގެ އުފަން ހޮސްޕިޓަލް ކަމަށްވާ ވޭލްސް ޔުނިވާސިޓީ ހޮސްޕިޓަލުގެ ފައުންޑޭޝަނެއް ކަމަށްވާ "ދަ ކާޑިފް އެންޑް ވޭލްސް ހެލްތް ޗެރިޓީ" އަށް ބޭލްގެ އެހީ ލިބިފައިވާ ކަން އިއްޔެގެ ވަގުތެއްގައި ވަނީ ހާމަކޮށްފަ އެވެ.
އަދި މި ފައިސާއަކީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ސަބަބުން ޖެހިފައިވާ ދަތިތަކުން އަރައިގަތުމަށާއި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނޭޝަނަލް ހެލްތު ސާވިސްގެ މަސައްކަތް ތެރިންނަށްދޭ އިތުރު އިނާޔަތެއްގެ ގޮތުގައި ހިމެނުމަށް ބޭލް ވަނީ އެދެފަ އެވެ.
"ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތް ކުރާ އެންމެންނަށް ޝުކުރު އަދާ ކުރަން،" ބޭލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އޭނާ އާއްމު ކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވެ އެވެ.
"ވޭލްސްގެ ޔުނިވާސިޓީ ހޮސްޕިޓަލަކީ އަހަރެންގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ ތަނެއް. އެއީ އަހަރެން އުފަންވީ ތަނަކީ. އަދި އެތަނުން އަހަރެންގެ ރަހުމަތްތެރިންނަށާއި އާއިލާއަށް ވެސް ވަރަށް ފުރިހަމައަށް ހިދުމަތް ދީފައި ވަނީ. އެހެން ކަމުން މި ދަނޑިވަޅުގައި ހޮސްޕިޓަލަށް އެހީ ވުމަކީ އަހަރެންނަށާއި އާއިލާއަށް ކޮށްދެވޭނެ އެންމެ މުހިއްމު އެއް ކަންތައް." ބޭލްގެ ވާހަކައިފައި އޭނާ ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ސްޕެނިޝް ލީގު މެދުކަނޑާލާފައި އޮންނަތާ ދޮޅު މަސްވެފައިވާ އިރު ބޭލް ވަނީ މިހާރު ކުރިއަށްދާ ސީޒަނުގައި ރެއާލް މެޑްރިޑަށް މުހިއްމު މެޗުތަކެއް ކުޅެދީ ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ. އެކަމަކު ފަހަކަށް އައިސް އަނިޔާގެ ސަބަބުންނާއި ފޯމު ކެޓުމުގެ ސަބަބުން އޭނާ ވަނީ ގިނަ މެޗުތަކެއްގައި ބެންޗް ކޮށްފަ އެވެ.
ލީގުތައް މެދުކަނޑާލައި ގައުމުތައް ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ކުޅުންތެރިންގެ އަމިއްލަ ފަސްގަނޑަށް ގޮސްފަ އެވެ.