ބަންގްލަދޭޝުން ފޮނުވި އެހީ މާދަމާ މާލެއަށް ބާލާނެ: މަބްރޫކު

ދިވެހި ދަރިވަރުންނާއި ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން އެހީއާއެކު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ފްލައިޓް ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓްގައި ޖައްސާފައި ---

ކޮވިޑް-19 ވައިރަހުގެ ސަބަބުން ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވާން ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ތަކެތި މާދަމާ މާލެއަށް ބާލަން ފަށާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދިން ތަކެތީގެ ތަފްސީލުކޮޅެއް ދެއްވައިފައެވެ. އަދި އެ ތަކެތި ބާލަން މާދަމާ ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަންގްލަދޭޝްއިން އައި ބޯޓު މާދަމާ މާލެއަށް ތަކެތި ބާލާނެ. މީގައި 20،000 ސެޓު ޕީޕީއީ ހުންނާނެ. އަދި އައި ޕްރޮޓެކްޝަން ގޮގްލްސް 960 ހުންނާނެ. އަދި ހޭންޑް ސެނިޓައިޒާގެ 5،000 ޕީސް މީގެ ތެރޭގައި ހުންނާނެ،"

މަބްރޫކު އިތުރަށް ވިދާޅުވީ، ބަންގްލަދޭޝްއިން ފޮނުވި އެހީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްވެސް ހިމެނެއެވެ.

މީގެ ކުރިން ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ބަންގްލަދޭޝްއިން އެހީ ފޮނުވީ އެ ގައުމުގެ ނޭވީގެ މަނަވަރެއްގައެވެެ. އެ ގައުމުން ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ބަރުދަނުގައި 100 ޓަނު ހުންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ބަންގްލަދޭޝް އަދި ނޭޕާލްގައި ތާށިވެފައި ތިބި 71 ދިވެއްސަކު މި ފަހުން މާލެ ގެނެސްފައި ވަނީ ވަނީ ބަންގްލަދޭޝްގެ އެހީގައެވެ. އެ މީހުން ގެނެސްފައި ވަނީ އެ ގައުމުގެ އެއާފޯސްގެ މަތިންދާބޯޓެއްގައެވެ.

އެ މަތިންދާބޯޓުގައި ރާއްޖެއަށް މި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭން 10 ޑޮކްޓަރުންގެ ޓީމެއްވެސް އެގައުމުން ފޮނުވިއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 84 އަށް ވަނީ އަރައިފައެވެ. މިއަދު އެކަނި މިހާތަނަށް މާލެއިން 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ. އޭގެ އިތުރުން މިހާރު މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް