ރޯދަ އަށް ހަނދުބެލުން ބުދަ ދުވަހު

ޖެނުއަރީ 2020 ވަނަ ދުވަހު ހިފި ހަނދުކޭތަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާނީ 29 ޝައުބާން 1441 (22 އޭޕްރީލް 2020) ވާ ބުދަ ދުވަހު ކަމަށާޢި ހަނދު ސާބިތު ކުރުމުގެ އިންތިޒާމު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ހަމަޖެހިފައިވާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފިއެވެ.

އެ ޑިޕާޓުމެންޓުން ކުރި އިއުލާނެއްގައި ބުނީ އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ.

މިދުވަސްވަރަކީ ކޮވިޑް19 އާއި ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށް ވާތީ، ހަނދު ފެނިއްޖެނަމަ ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކުން އަންގާ ގޮތަކަށް ހެކިބަސް ދިނުމަށާއި މާލޭގައިނަމަ، ޑީޖޭއޭގެ ނަންބަރު 7704777 އަށް ގުޅާ ހެކިބަސް ދިނުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ.

ހަނދުފެނިއްޖެކަމަށް ހެކިބަސް ދޭން ޖެހިއްޖެނަމަ ބުދަ ދުވަހުގެ ހަވީރު ހަޔަކުން އިރުއޮއްސި ހަތަކަށް ކޯޓު ހުޅުވޭނެ އިންތިޒާމު ގާއިމްކޮށް ތައްޔާރީ ހާލަތުގައި ތިބުމަށަ ޑީޖޭއޭ އިން ވަނީ އެދިފައެވެ. އަދި މެޖިސްޓްރޭޓު ގާއިމްވެފައި ނެތް ރަށެއްގައި ނަމަ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ހަނދުފެނިއްޖެކަމަށް ހެކިބަސް ދީފިނަމަ އެދުވަހުގެ އިރުއޮއްސި 7:45 ގެ ކުރިން ޑީޖޭއޭ އަށް އެންގުމަށް ވަނީ އެދިފައެވެ.

ހަނދުފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދު ފެނުނު ވަގުތާއި، ހަނދު ހުރި އުސްމިން އަދި މިސްރާބު ފަދަ މުހިއްމު މައުލޫމާތު ދޭންވާނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

comment ކޮމެންޓް