ޕޮޒިޓިވްވީ ލިލީ ސްޓޯރުގެ މުވައްޒަފުން، ލިލީ އިންޓަނޭޝަނަލް އެއް ނޫން

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި 13 ބިދޭސީންނަކީ ލިލީ އިންޓަނޭޝަނަލްގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ވާހަކަ އެކުންފުނިން ދޮގުކޮށްފިއެވެ.

އެމީހުންނަކީ ލިލީ އެންޓަޕްރައިސަސްގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެ އެންމެން ނިދައި ހަދަނީ އެއް ތަނެއްގައި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ލިލީ އިންޓަނޭޝަނަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏާ، ލިލީ އެންޓަޮޕްރައިޒް (ލިލީ ސްޓޯރު)އަކީ ދެ ތަނެއްކަން ގިނަ ބަޔަކަށް އޮޅެމުން އަންނަ ކަމަށެވެ.

ލިލީ އިންޓަނޭޝަނަލުން ބުނީ، އެއީ މުޅިން ދެ މެނޭޖްމަންޓަކުން ހިންގާ، ތަފާތު ދެ ވިޔަފާރިއެއް ކަމަށާއި މި ދަނޑިވަޅުގައި ދެ ކުންފުނިން ވެސް ރައްޔިތުންނަށް ތަކެތި ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިވަގުތު ކޮވިޑަށް ޕޮޒިޓިވްކަމަށް ބުނާ ލިލީގެ ފަރާތްތަކަކީ ލިލީ އިންޓަނޭޝަނަލް ނުވަތަ ލިލީ އެފްއެންބީއަށް ނިސްބަތްވާ ފަރާތްތަކެއް ނޫނެވެ." އެ ބަޔާނުގައިވެއެވެ.

ލިލީ އިންޓަނޭޝަނަލް އިން ބުނީ އެ ކުންފުންްޏަށް ނިސްބަތްވާ އެއްވެސް މީހަކު މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އަދި ރަސްމީ އެއްވެސް ފަރާތަކުން އެފަދަ މައުލޫމާތެއް އެ ކުންފުންޏާ ހިއްސާކޮށްފައި ނުވާކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ކޮށްފައިިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އެތެރެކޮށް ސަޕްލައިކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އިއްޔެއާ ހަމައަށް މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވް 32 މީހަކު ފެނިފައިވާއިރު އޭގެ ތެރޭގައި 17 ބިދޭސީން ހިމެނެއެވެ.

comment ކޮމެންޓް