މުއްދަތު އޮޅުވައެއް ނުލާ، ވީޑިއޯ ކުޅުނީ ބްލެކްމެއިލް ކުރަން: ލިލީ

ސްޓިކާ ޖެހި ހަންތައް -- ފޮޓޯ/ ސްކްރީންޝޮޓް

ލިލީ އިންޓަނޭޝަނަލްއިން މުއްދަތު ހަމަވެފައިވާ ތަކެތީގެ ތާރީޚު ބަދަލުކޮށް، އޮޅުވައިލުމަށް އަސްލު ތާރީޚުގެ މަތީ ސްޓިކާ ހަރުކުރަނީކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ވީޑިއޯއާ ގުޅިގެން އެ ކުންފުނިން އެކަން ދޮގުކޮށްފިއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ލިލީގެ އިސް އޮފިޝަލަކު ވިދާޅުވީ ލިލީގެ އެއްވެސް ގުދަނަކަށް ބޭރު އެއްވެސް މީހަކަށް ވަނުމުގެ ހުއްދަ ނުދޭނެކަމަށެވެ.

"ސްޓާފެއް ލައްވައި މަކަރުން އެ ކަން ކުރުވައިފައި އެހުރީ ހަމަ ފައިސާ ދީގެން،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ވީޑިއޯއިން ފެންނަ މުދަލުގައި ޖަހާފައިވާ ތާރީޚު ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އަދި އެ މުދާތަކަކީ ފިހާރަތަކަށް ވިއްކާ މުދާ ނޫންކަމަށާއި އެއީ ރިސޯޓުތަކަށް ގެންދާ ތަކެތިކަމަށެވެ.

ސްޓިކާ ޖެހި ހަންތައް -- ފޮޓޯ/ ސްކްރީންޝޮޓް

"ހަގީގަތް ވަރަށް ރީތިކޮށް އެބަހުރި ފެންނަން. އެ ޖަހާ ސްޓިކާތަކުގައި އެބަހުރި ވަރަށް ރީތިކޮށް އެއީ 2020ކަން ފެންނަން. މި ކޮވިޑާހެދި ރިސޯޓުތަކަށް ޑެލިވާކުރާ މީހުންގެ މަސައްކަތް ހުއްޓުނީ. ދެން މި މީހުންގެ ތެރެއިން ލޮކްޑައުން ދުވަސްވަރު މިކޮޅުގައިި މަޑުކުރި މުވައްޒަފުންތަކެއް ކުޅުނު ފިލްމެއް އެއީ. އަހަރުމެން ބުނީ މާލޭގައި މަސައްކަތެއް ނެތި މަޑުކުރާނަމަ 50 ޕަސެންޓު މުސާރައޭ ދޭނީ. އެގޮތަށް އެގްރީވެގެން މި މީހުން ތިބެފައި، މި މީހުން މި ނެގީ ވައިރަލްކޮށްލަން ފުލް މުސާރަ ހޯދަން ބްލެކްމެއިލްކުރަން،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ބްލެކްމެއިލް ކުރަން ނެގި އެ ވީޑިއޯއާއެކު އޭރު ވެސް މާ ބޮޑު ފިޔަވަޅެއް ނޭޅީ، މުއްދަތު ހަމަވެފައި ހުންނަ މުދާ ލިލީއިން ނުވިއްކާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

މީގެ އިތުރުން، ސްޓިކާއެއް މަތިން އިތުރު ސްޓިކާއެއް ހަރުކޮށްގެން އޮޅުވާލަން އުޅުނު ނަމަވެސް އެއީ ވަރަށް ފަސޭހައިން ހާމަވާނެ ކަމެއްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް