ވައިރަހުގެ ނުރައްކާ ބޮޑުވެއްޖެ، ރައްކާތެރިވާން ފިޔަވަޅު އަޅާ!

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިވަގުތު އަޅުގަނޑުމެން ބަލަންޖެހޭނީ ކޮންމެ މީހަކީވެސް ބަލިޖެހިފައި ހުރެދާނެ މީހެއް ކަމަށް،" ކޮވިޑް 19 އިން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދޭންވީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވި މިހެންނެވެ.

ޑރ. ނަޒްލާ އެ ވިދާޅުވީ ދިވެހިން މިހާރު ސަމާލުކަން ދޭން ޖެހޭ ވަރުގެ ބިރުވެރި ވާހަކަ އެކެވެ. މާލޭގައި އަދި ރާއްޖޭގައި ދިރިއުޅޭ މީހުން އިތުރަށް ސަމާލުކާން ދޭން ޖެހޭ ވަރަށް މިއަދު މިވަނީ މާލޭގައި ކޭސް އިތުރުވެފަ އެވެ. މިއަދު އެކަނި 16 ކޭސްއެއް މާލެއިން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އޭސީގެ ހިދުމަތް ދޭ މީހުންނާއި، މުދާ ޑެލިވަރީ ސާވިސް ދޭ މީހުން ތިބުމަކީ ބިރުވެރި ކަމެކެވެ.

މިއަދު 16 މީހަކު ޕޮސިޓިވްވެގެން ނެޝަނަލް އެމަޖެންސީ ސެންޓަރުގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 ގެ ތަރުޖަމާނު މަބުރޫކު އަޒީޒު ފާހަގަ ކުރެއްވި ގޮތަށް މިހާރު މިއޮތީ އިތުރަށް ސަމާލުވާ ޖެހޭ ވަގުތު އައިސްފަ އެވެ. މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ފިހާރަތުން ޑެލިވަރީގެ ހިދުމަތް ދޭއިރު އޭގެ ތެރޭގައި ގިނައިން އުޅެނީ، ބަންގްލަދޭޝް މީހުންނެވެ. މަބުރޫކު ވިދާޅުވި ގޮތުން އެމީހުންނަކީ ލިލީ ފިހާރައިގައި މަސައްކަތް ކުރާ މީހުންނެވެ.

ފުލޫ ކްލިނިކަށް ދައްކަން ގޮސް ޓެސްޓް ހެދުމުން ޕޮސިޓިވް ކަމަށް ދެެއްކި ބަންގްލަދޭޝް މީހެއްވެސް އެބަ ހިމެނެ އެވެ. އޭނާ އަކީ މިފަހުން ސަރުކާރުން އަމީން ހިޔާއަށް ގެންދިޔަ މީހެކެވެ. އޭގެ ކުރިން އޭނާ އުޅުނު ތަނެއް އަދި ކުރި މަސައްކަތެއްގެ މާ ބޮޑު ތަފްސީލެއް ނޭންގެ އެވެ. އޭގެންވެސް ކުރިފަޅައިގެން މި އަންނަނީ ބިރުވެރި ވާހަކަ އެކެވެ.

ކޮންމެއަކަސް މިހާލަތުގައި އިތުރަށް ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ މުހިންމު ކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ތިމާ އާއި ދިރިއުޅޭ ގޭގެ ސާފުތާހިރު ކަމަށް އިސްކަން ދިނުމެވެ. ހާއްސަކޮށް މިދުވަސް ވަރަކީ ޑެލިވަރީކޮށްގެން ތަކެތި ގެއަށް ގެންނަން ޖެހިފައިވާ ދުވަސްވަރަކަށް ވާތީ އެކަމުގައިވެސް ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް:

  • ގޭގައި މަޑުކުރުން
  • މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
  • ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން
  • ބޭނުންކުރާ ޓިޝޫ ވަގުތުން ޑަސްބިނަށް ލުން
  • ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން

"ޒަރޫރީ ބޭނުމަކަށް ނޫނީ ކޮންމެހެން އިތުރު މީހަކާ ދިމާވާނޭ ގޮތަކަށް ނޫޅުން. މާނައަކީ ކުޑައެއްޗެއް ގަނެލަން އެކަހަލަ ގޮތަކަށް ނުކުމެވޭ ގޮތެއް ވިޔަސް. ފިހާރަތަކަށް ނުދިއުން. ޑެލިވަރީގެ ގޮތުގައި ގެނެވޭ ތަކެތި ގެއަށް ގެނެވޭއިރު އެތަކެތި ގޭތެރެއަށް ވައްދާއިރު އަދި އެއާ ދޭތެރޭގައި ކަންތައް ކުރާ ގޮތުގައި ސަމާލުވުން. ކޭޝް ބޭނުންކުރާ މިންވަރު މަދުކުރުން." މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔޭގައިވެސް އޮތް އިރު، ގެއަށް ފިހާރަކުން ގަންނަ ތަކެތީގައި ވައިރަސް ހުރެދާނެ ކަމަށް ރައްކާތެރިވުމުގެ ފިޔަވަޅު އެޅިދާނެ އެވެ. އެއީ؛

  • ގޭ ތެރޭގައި މޭޒެއް ބެހެއްޓުން.
  • ޑެލިވަރީއަށް ގެންނަ ތަކެތި މޭޒުމަތީ ބެހެއްޓުން.
  • ފައިސާ ބޭނުންނުކޮށް، ބޭންކް ޓްރާންސްފާ ކުރުން.

ފައިސާ އަކީ އެކެއްގެ އަތުން އަނެކެއްގެ އަތުން ދާ އެއްޗަކަށް ވާތީ ބަލި ފެތުރެން މެދުވެރިވެ އެވެ.

ދެން އެންމެ މުހިންމު ކަމެއް ދޭން ޖެހޭ ކަމަކީ ޑެލިވަރީކުރާ ތަކެއްޗާ މެދު އަމަލުކުރާ ގޮތެވެ. ކޮތަޅުގައި ހިފާއިރު މުހިންމީ އަންގި ލެއްވުމެވެ. އެކަމަކު އަންގި ނެތްނަމަ ކޮތަޅު ގެނެސް ކޮތަޅު ހުސްކޮށްލާ އަވަހަށް އަތް ދޮންނަން ޖެހެ އެވެ. އަދި ކޮތަޅު ވަގުތުން ކުނިއެއްޗަށް ލާން ޖެހެ އެވެ. ބައެއް ގައުމުތަކުގައި ފިހާރައިން ގެންނަ ތަކެތި ރަނގަޅަށް ދޮވުމަކީ ކުރާކަމެވެ. ތަރުކާރީ ފަދަ ތަކެތި ނަމަ ފެން އެއްޗަކަށް އަޅައި ގިނައިރު ބެހެޓުމަށް ފަހު ރަނގަޅަށް ދޮވެލަ އެވެ. ފިޔާ ފަދަ ތަކެތި ފިހާރައިން ގެނެސް ބޭނުން ކުރުމުގެ ކުރިން އެއްދުވަހަށް އަވީލައި ހެދިދާނެ އެވެ.

ގެއިން ބޭރަށް ނިކުމެއްޖެ ނަމަ، ލައިގެން ހުންނަ އެއްޗިހި އަވަހަށް ބާލައި، އާންމު އެއްޗިއްސާ ވަކިން ދޮންނަން ޖެހެ އެވެ.

"ބޭރަށް ނުކުމެވަޑައިގެން އަނެއްކާ އަނބުރާ ގެއަށް ވަޑައިގަތުމަށް ފަހުގައި ތުރުކުރައްވައިގެން ހުންނަ އެއްޗެހި ބޭލުން. އޭއްޗިހި ވަކިކޮށް ގޭތެރޭގައ ތިބޭ މީހުންގެ އެއްޗިއްސާ ވަކިން އެތަކެތި ދޮންނަން ޖެހޭނެ. އަދި ހަމަ ގެއަށް ވަނުމާ އެކީ އެންމެ ފުރަތަމަ ކަމަކީ އަތް ދޮވުން ކަމުގައި ހެއްދެވުން. އަދި އެއްޗިހި ބޭލުމަށް ފަހުގައި ފެންވެރުން. މިވަރަށް ސަމާލުވެގެން މިހާރު މަސައްކަތް ކުރަން ޖެހޭ ވަގުތު މިއީ." މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވި އެވެ.

ގެއަށް ވަންނަ ކޮންމެ ފަހަރަކު ފެންވެރުމާއި، ފިހާރައިން ގަންނަ ތަކެތި ދޮވުމާއި، އަބަދު އަތް ދޮވުމަކީ އިންސާނުން މާބޮޑަށް އާދަވެފައި ހުރި ކަންކަމެއް ނޫނެވެ. އެކަމަކު މިހާރު އެކަން ކުރަން ޖެހޭނެ އެވެ. އުނދަގޫވި ނަމަވެސް މިހާލަތުގައި މިއީ އަހަރެމެންގެ އާންމު ދިރުއުޅުމުގެ ބައެކެވެ.

comment ކޮމެންޓް