ލޮކްޑައުންގައި ޑެލިވަރީކޮށްދޭން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ހިއްސާކުރަން އެދެފި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ފެތުރުން ކޮންޓްރޯލު ކުރުމަށް ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް، ޒަރޫރީ ބޭނުންވާ ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތްދޭން އެދޭ ފަރާތްތަގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރަން އެދެފި އެވެ.

އެ މިނިސްޓްރީ އިން ނެރުނު އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާ މުއްދަތުގައި މިހާތަނަށް ގުދަންތަކުންނާއި ފިހާރަތަކުން މުދާ ފޯރުކޮށްދެމުން ގެންދާ ވިޔަފާރިތަކުގެ އިތުރުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭގެއަށާއި ފިހާރަތަކަށް މުދާ ފޯރުކޮށްދޭން ފަށަން ބޭނުންވާ ހުރިހާ ފަރާތްތަކުން، މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.

އެގޮތުން ވިޔަފާރީގެ ނަމާއި ޒިންމާވާ ފަރާތުގެ ފުރިހަމަ ނަމާއި މޮބައިލް ނަންބަރު އަދި މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ސަރަހައްދު އެނގޭގޮތަށް [email protected] އަށް އީމެއިލް ކޮށްދިނުމަށް މިނިސްޓްރީ އިން އެދެއެވެ.

ލޮކްޑައުން މުއްދަތުގައި 14 ދުވަހުގެ ލޮކްޑައުން އިއުލާނުކޮށްފައިވާއިރު 24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހިދުމަތް ދޭން ފިހާރަތަކަށް ވަނީ ހުއްދަ ދީފައެވެ.

ޑެލިވަރީ ހިދުމަތްތަކަށް މިހާތަނަށް މާލޭ ސިޓީން 439 ފަރާތަކަަށް ހުއްދަ ދީފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ބުނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެއިން 188 ލައިސެންސް، ހުޅުމާލެއިން 222 ލައިސެންސް އަދި ވިލިމާލެއިން 29 ލައިސަންސް އެވެ.

ޑެރިވަރީ ހިދުމަތްތައް ބުރޫ އަރާފައިވާތީވެ، މިހާރު ބައެއް އާންމުން ދަނީ ފިހާރަތަކުގައި ކިއު ހަދާ ބޭނުންވާ ތަކެތި ގަންނަމުންނެވެ. އެ ފިހާރަތަކަށް މީހުން ވަންނަމުންދަނީ، ފަހަރަކު ވަކި އަދަދަކަށެވެ.

ޑެލިވަރީގެ ހިދުމަތުގައި މަސައްކަތްކުރާނެ ވޮލަންޓިއަރުން ހޯދުމަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ އިންވެސް އިއުލާނުކޮށްފައިވާއިރު އެސްޓީއޯގެ ޑެލިވަރީތަކުގައި އެމްއެންޑީއެފް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މާލޭގައި ބަލީގެ ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭކަމަށް ނިންމާފައިވާއިރު މިހަތަނަށް މާލެއިން އަށް މީހަކަށް ބަލިޖެހިފައިވެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފައެވެ.

comment ކޮމެންޓް