މާލެއިން ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން ހަތަރު ރަށަކުން އިތުރު ނުވަ ތަނެއް ލޮކްޑައުންއަށް

މާލޭގެ އޭރިއަލް ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލެއިން ކޮވިޑް-19އަށް ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ހަތަރު ރަށަކުން އިތުރު ނުވަ ތަނެއް ލޮކްޑައުންގެ ދަށަށް ގެންގޮސްފި އެވެ.

އިއްޔެގެ ވަގުތެއްގައި މާލެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައެެވެ. އޭނާއާ ކޮންޓެކްޓުވި އިތުރު ދެ މީހަކަށްވެސް ވަނީ ބަލިޖެހިފައެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ކޮންޓެކްޓުވި 207 މީހަކު މިހާރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ދެނެގަނެފައެވެ. އެ 207 މީހުންގެ ތެރެއިން 75 މީހުންނަކީ ހައި ރިސްކު ކޮންޓެކްޓެވެ.

އެ ކޭސްއާ ގުޅިގެން އިއްޔެ ވަނީ މ. ޖަރީމާގެ، ނޫމަސްވާދީ، ސ. ހިތަދޫ، އަދި ހ. ރަތްކުރެދި އާރުގެ ހަތަރު ވަނަ ފްލޯ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. އަދި މިއަދު ހުޅުމާލޭ ލޮޓް 11090، މ. ފީރޯޒުގެ 6ބީ، މ. ލޯކަށިގެ 3ސީ، މ. ސޯސަންމާގެ، ހ. ފެނިގެއްލިދާގެ ހަތް ވަނަ ފްލޯ، ހުޅުމާލެ ފްލެޓު 6-2-02، އަމީން އެވެނިއު ޓީކް 905، މ. ނާގޫށިވިއްލާ ދެ ވަނަ ފްލޯ، ހުޅުމާލެ ލޮޓް 11296 އަދި މއ. އޯކިޑްގެވެސް ވަނީ ލޮކްޑައުންކޮށްފައެވެ.

އެ ފަހުން މިއަދު ކ. ކާށިދޫ، ހއ. ވަށަރު، ތ. މަޑިފުށި މިއިން ކޮންމެ ރަށަކުން ގެއެއް އަދި މާލެއާއި ހުޅުމާލެއިން ހަ ތަނެއް ވަނީ ލޮކްޑައުންކޮށްފައެވެ.

މިއަދު އިތުރަށް ލޮކްޑައުންއަށް ގެންގޮސްފައިވާ 9 ތަނަކީ:

  1. މ. މަދޮށިގެ ދެވަނަ ފްލޯ
  2. ދުވެލި ކ. ކާށިދޫ
  3. ނިއަދުރުމާގެ، ހއ. ވަށަފަރު
  4. ގ. ވޯކްހައުސް
  5. ހުޅުމާލެ ލޮޓް 10035، ދެވަން ފްލޯ
  6. ހުޅުމާލެ ފްލެޓު 97-302
  7. ހުޅުމާލެ ފްލެޓު 1-2-06
  8. މ. ކުދެހިގަސްދޮށުގެ، ހަތް ވަނަ ފްލޯ، އެޕާޓްމެންޓު ބީ
  9. ސްނޯލައިޓް ތ. މަޑިފުށި

އިއްޔެ މާލެއިން އެންމެ ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން މިވަގުތު ކ. ކާށިދޫވެސް އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. އެއީ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި މީހަކު އެ ރަށުގައި ހުރުމުންނެވެ. އޭނާގެ ޓެސްޓު ނެގަޓިވްވި ނަމަވެސް، ކާށިދޫ އަދިވެސް ލޮކްޑައުންގައި އޮތީ އެ މީހާގެ އަދި އިތުރު ޓެސްޓެއް ހަދާތީއެވެ.

comment ކޮމެންޓް