އަޑުނާހާ ޕާޓީތަކާއި މަސްދަތުރު ދިއުމުގެ ނަތީޖާ ހިތި!

އޭޕްރީލް 16، 2020: މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒޮޓިވް ކޭސްއެށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެ ދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރަމުން ދިޔައީ ގިނައިން މީހުން އެއްވެސް އުޅޭ ތަންތަނަށް ނުދިއުމަށާއި ގޭގައި މަޑު ކުރުމަށެވެ. އެއީ ކޮވިޑް 19 އިގެ ކޮމިއުނިޓީ ސްޕްރެޑަކަށް ފުރުސަތު ހުޅުވިދާނެތީ އެވެ.

ވެރިރަށް މާލެއިން ފުރަތަމަ ކޭސް ފެނިގެން ކޮންޓެކްޓްވީ މީހުން ހޯދި އިރު 207 މީހަކު މިވަނީ ފަސްދުވަހުގެ ތެރޭގައި އެންމެ މީހަކާ ކޮންޓެކްޓް ވެފައެވެ. ނަތީޖާއަކަށް ވެގެން މިދިޔައީ ގިނަ ބަޔަކު ހައި ރިސްކުގެ ތެރެއަށް ވެއްޓި، ގިނަ ބަޔަކަށް ބަލިޖެހޭނެ ކަމުގެ ބިރުވެރިކަން އުފެދުމެވެ.

"މިކަމުގައި ހަމަ ފާހަގަކޮށްލެވޭ އެކި ކަހަލަ ބޮޑެތި މޫވްމެންޓްތައް އެބަހުރި ހަމަ އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި. މިސާލަކަށް ޕާޓީ ބޭއްވުން. މަސްދަތުރު ދިއުން. ދަންނަ ގޭގެއަށް ޒިޔާރަތް ކުރުން. އަދި ހަމަ ބުރުޖަހަން ދިޔުން ކަހަލަ ކަންތައްތައް ފާހަގަ ކުރެވިފައި އެބަހުރި. މިކަހަލަ ކަންތައްތަކާއި ގުޅިގެން ގިނަ ބަޔަކު އެއްތަނަށް އެއްވެ އުޅެވިފައި ހުރީތީވެ މި އަދަދަށް މިހުރީ ކޮންޓެކްޓްސް ފެނިފައި،" ގިނަ ބަޔަކާ ޕޮޒިޓިވްވި ކޭސް ބައްދަލުވެފައިވާ ގޮތުގެ ތަފްސީލު ދެއްވަމުން ކޮވިޑް 19 ގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވި އެވެ.

ކޮވިޑް 19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ މާހިރުންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން ކުރި އިލްތިމާސްތަކާއި ހިލާފަށް ހާއްސަކޮށް މާލޭގައި މީހުން ނުކުމެ އުޅުނު އަދަދު ވޭތުވެ ދުވަސްތަކުގައި ވަނީ ގިނަވެފަ އެވެ. މަސް ދަތުރު ދިއުމަކީ އާންމުކޮށް މީހުން ކުރި ކަމެކެވެ. އެކަން ސޯޝަލް މީޑިއާއަށް ބަލާލީމަވެސް ފެނެ އެވެ. އޭގެ އިތުރުން އާއިލާ ހުރިހާ މީހުން އެއްގެއަކަށް ޒިޔާރަތްކޮށް ޕާޓީކުރުން ފަދަ ކަންކަން ބާރަށް ހިންގި އެވެ. މާލޭގައި ވޭތުވެ ދިޔަ ހަފްތާގައި ތިން ގަޑިއިރަށް ކާފިއު އިއުލާނު ކުރި ނަމަވެސް ކާފިއު ނިމޭއިރު މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

  • ގޭގައި މަޑުކުރުން
  • މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
  • ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން
  • ބޭނުންކުރާ ޓިޝޫ ވަގުތުން ޑަސްބިނަށް ލުން
  • ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން

ކޮވިޑް 19 އެކެއް އަނެކެއްގެ ގަޔަށް ޖެހެން މެދުވަނީ ވަނީ، ވައިރަސް ޖެހިފައި ހުރި މީހެއްގެ ކުޅު ނުވަތަ ނޭފަތުން ވިޔަސް ތިއްކެއް އަނެއް މީހާގެ ގައިގައި ޖެހުމުންނެވެ. މޫނުގައި އަތްލުމަށް ފަހު އެހެންތަނެއްގައި އަތް ލުމުން އެ ވައިރަސް އެތަނަކަށް އެރުމުން ދެވަނަ މީހާ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު ބޮޑުވެގެން ދެ އެވެ. މިހާތަނަށް ބޭހެއް އަދި ވެކްސިނެއްވެސް ހޯދިިފައި ނުވާ އެ ވައިރަހުން ރައްކާތެރިވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ގޭގައި ތިބުން ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ. މި ބަލީގެ ސީރިއަސް ކަމާއި އެކެއްގެ ފަރާތުން އަނެކެއްގެ ގަޔަށް ބަލި އަރާނެ ގޮތުގެ ވާހަކަ ކެނޑިނޭޭޅި ދައްކަމުން ދާއިރު ދިވެހީން އެކަމުގައި ސީރިއަސް ނުވުމަކީ ސުވާލު އުފެދޭ ކަމެކެވެ.

"އަޅުގަނޑުމެން ފަށްފަށުން އާންމުނަށް މިދޭ އިރުޝާދުތަކަށް ބޯނުލަނބާކަން އަޅުގަނޑުމެންނަށް މި އެނގެނީ. އަޅުގަނޑުމެން އެހާވަރަށް މި ކިޔަމުން ގެންދަނީ މީހުންތެރޭގައި އެއްވެގެން ނޫޅޭށޭ. ގެދަރިންގްސްތައް ނުބާއްވާށޭ. ގައިދުރުކަން އިހުތިޔާރު ކުރައްވާށޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކަކީ އެއާ މުޅިން ތަފާތު މަންޒަރުތަކެއް." ނެޝަނަލް އެމަޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

ޑރ އިބްރާހިމް އަފްޒަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އަފްޒަލް ވިދާޅުވީ ކޮމިއުނިޓީތެރެއިން ފެނުނު ކޭސްއިން ހީކުރި ވަރަށްވުރެ ގިނައިން ކޮންޓެކްޓްސްތައް އެބަހުރި ކަމަށެވެ. އެހެން ދިމާވީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް މީހުން އެއްވެ އުޅުމާއި ބުރުޖަހަން ދިޔުން ފަދަ ކަންކަން ކުރުމުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މިދުވަސްވަރު ބަލަން ޖެހޭނީ ޒަރޫރީ ބޭނުމަކަށް ނޫނިއްޔާ ފިހާރައަކަށްވެސް ނުދިއުމަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ލޮކްޑައުން ހާލަތު ފިލި ކަމުގައި ވިޔަސް ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނޫނީ ކޮވިޑް 19 ފެތުރުން އެއްގޮތަކަށްވެސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ޑރ. އަފްޒަލް ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިހާރު އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓެއް އަޅުގަނޑުމެންނަށް ފެނިފައި މިވަނީ. އަދި މިއީ މިހާތަނަށް ފެނުނު މިންވަރު. އެއީ ބަލައިފިއްޔާ ދުވާލަކު 34 މީހުންނާ މީހަކު ބައްދަލުވެފައި ވާތީ އަޅުގަނޑުމެން މިކިޔާ ގައިދުރު ކުރުމަށް އެއްވެސް ވަރަކަށް އަމަލުކުރެވިފައި ނުޥާކަން މި އެނގެނީ." ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިހާރު ރާއްޖެ އޮތް ހާލަތަށް މިދިޔައީ ސިއްހީ މާހިރުންނާއި ސަރުކާރުގެ އިހުމާލަކުން ނޫނެވެ. މިއީ ރައްޔިތުންގެ ބަސް ނޭހުމުގެ ނަތީޖާ އެވެ. ދިވެހިން ވިސްނާލަންވީ ރާއްޖޭން ބޭރުގައި ބިޔަ ބޮޑެތި ގައުމުތައް މިހާރު ވެއްޓިފައި އޮތް ހާލަތެވެ. އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކެވެ. ބައްޔެއް ފެތުރިއްޖެ ނަމަ ބޭނުންކުރާނެ ސިއްހީ އިކުއިޕްމެންޓުވެއް އަމިއްލަ ގައުމުގައި އުފައްދައިގެން ބޭނުން ކުރެވޭ ވަރުގެ ގައުމުތަކެވެ. އެކަމަކު އެމީހުންވެސް ވަނީ އެތަކެއްޗަށް ޖެހިފަ އެވެ. ރާއްޖޭގައި ކޮމިއނިޓީ ސްޕްރެޑް ގިނަ ބަޔަކަށް ފެތުރޭ ހާލަތަކަށް ގޮސްފިނަމަ ފާރުވާ ދިނުމަށް ބޭނުންކުރާނެ ސާމާނު ނެތި ގޮތް ހުސްވާނެ އެވެ. އޭގެ ކުރަން ސަލާމަތީ ފިޔަވަޅު އަޅައިގެން ގޭގައި މަޑުކުރުމަކީ ކުރެވޭނެ ހަމައެކަނި ކަންތަކެވެ.

ނޯޓް: ކޮންޓެކްޓް ޓްރޭސިންގްއަށް މައުލޫމާތު ހިއްސާކުރުމަށް 1676 އަކަށް ގުޅުއްވާ އަދި [email protected] އަށް މެއިލް ކުރައްވާ

comment ކޮމެންޓް