ރާއްޖެއިން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރު ޚަދީޖާ އާދަމް --- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިބްރާހިމް ހަސަން މިރޭ "ސަން" އަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލުކުރާ ހުރިހާ ދަރިވަރުންވެސް މިނިސްޓްރީގެ ޑޭޓާ ބޭސްގައި ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މީގެ މަގްސަދަކީ ރާއްޖެއިން ބޭރުގައި ހުންނަ ކޮންމެ ކުއްޖަކުވެސް ހާލުގައި ޖެހިގެން އަންނައިރު އެހީތެރިކަން ފޯރުކޮށްދިނުން. ރާއްޖެއިން ބޭރުގަ ކިޔަވަމުންދާ ހުރިހާ ދަރިވަރުން ޑޭޓާ ބޭސްއެއްގަ ރަޖިސްޓްރީކުރަން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ކިޔަވާކުދިން ހާލުގައި ޖެހި ދަތިތަކާ ކުރިމަތިވުމުން މިނިސްޓްރީގެ ސަމާލުކަމަށް އަންނަ ކަމަށާއި ނަމަވެސް އަމިއްލަ ޚަރަދުގައި ބޭރު ތަންތާނގައި ކިޔަވަން ތިބޭ ކުދިންގެ މައުލޫމާތު މިނިސްޓްރީގައި ނުހުންނަ ކަމަށެވެ.

"އެހެންނަމަވެސް މިހާލަތު ދިމާވީމަ ބޭރު އެކި އެކި އެމްބަސީ ހައިކޮމިޝަން އަދި ސަރުކާރުގެ ކައުންސިލް އޮފީސްތަކުން އެބަ ރަޖިސްޓްރީކުރޭ. އެހެންވީމާ އަޅުގަނޑުމެން އެބަހިތަށް އަރާ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުންވެސް ރާއްޖެއިން ބޭރުގައި ތިބި ހުރިހާ ކުދިންވެސް ރަޖިސްޓްރީކުރުމުގެ ފުރުސަތު އެބަ ފޯރުކޮށްދޭން ޖެހޭ. އޭރުން މިކަހަލަ ހާލަތެއް ދިމާވެެއްޖިއްޔާ އަޅުގަނޑުމެންނަށް ފަސޭހައިން އެކުދިންނަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނޫންނަމަ ބޭރު ގައުމެއްގައި ހުރި ކުދިންގެ ފުރިހަމަ މައުލޫމާތު ހޯދަން އެއް ކުއްޖަކަށް ގުޅައިގެން އަނެއް ކުއްޖެއްގެ މައުލޫމާތު ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އަދި ދާދި ފަހުން ކޮރޯނާ ވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހަން ސިޓީގެ ކުދިންގެ މައުލޫމާތު ހޯދީ އެގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ މިނިސްޓްރީގެ ވެބްސައިޓްގައި ނުވަތަ މިނިސްޓްރީގެ ޑޭޓާ ބޭސްއެއްގައ އަމިއްލަގޮތުން ކިޔަވަންދާ ކުދިން ރަޖިސްޓްރީވެފައި ހުރި ކަމަށް ވަންޏާ ހަމަ ކަމެއް ދިމާވާއިރަށް އަޅުގަނޑުމެންނަށް އެނގޭނެ ވޫހާންގަިއ ކިތައް ދިވެހި ކިޔަވާ ކުދިން ތިބިކަން. ސަރުކާރުގެ ލޯންގައި ތިބީ ކިތައް ކުދިންކަން. އަމިއްލަ ގޮތުން ތިބީ ކިތައް ކުދިންކަން" މިނިސްޓަރު ވިދާޅުވިއެވެ.

އެެހެންކަމުން އަމިއްލަ ގޮތުން ކިޔަވަންދާ ދަރިވަރުންވެސް ސަރުކާރުގެ ޑޭޓާބޭސްއެއްގައި ރަޖިސްޓްރީ ވެފަ އޮތުމަކީ އެ ކުދިންނަށްވެސް ވަރަށް ފައިދާހުރިކަމެއްކަމަށް ދިވެހި ރައްޔިތުންވެސް މިހާރު ގަބޫލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ އެކުދިން ހާލުގައި ޖެހިއްހިއްޔާ އެހީވާން އޮންނާނީ ދިވެހި ސަރުކާރުން. ދިވެހި ސަރުކާރަށް އެހީވެވޭނީ އެ ކުދިން އެތަނުގައި ތިބިކަން އެނގިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް