"މޮނާކޯގެ ކޯޗުކަމުން އޮންރީ ވަކިކުރީ ބޭއިންސާފުން"

ތިއޮރީ އޮންރީ މޮނާކޯގެ ކޯޗުކަމާ ހަވާލުވެގެން އުޅުނު ދުވަސްވަރު --

ކުޅުންތެރިއެއްގެ ގޮތުގައި އެންމެންގެ ލޯބި ހޯދުމަށްފަހު ކޯޗިންގް ކެރިއަރު ފަށައި، ތިއޮރީ އޮންރީ ހަވާލުވި މޮނާކޯއިން އޭނާ ވަކިކުރުން އިންސާފުވެރި ނޫން ކަމަށް ކުރިން އެކުލަބަށް ކުޅުނު ފޯވާޑް ރޯނީ ލޮޕޭޒް ބުނެފި އެވެ.

އާސެނަލާއި ބާސެލޯނާއާ އެކު ފުޓުބޯޅައިގެ ލެޖެންޑަކަށް ވުމުގެ ކުރިން އޮންރީ ފުރަތަމަ ފަހަރަށް ވިދާލީ މޮނާކޯއިންނެވެ. ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގް ކެރިއަރެއް ފެށުމަށް އޭނާ ފުރަތަމައިން ދިޔައީ ބެލްޖިއަމަށެވެ. އެގޮތުން ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނެޒްގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު މޮނާކޯއާއި ހަވާލުވީ 2018ގަ އެވެ.

އޭގެ ކުރީ ސީޒަނުގައު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށް ލީގުގެ ދެވަނައިގައި މޮނާކީ ނިންމާލި ނަމަވެސް 2018-19 ވަނަ ސީޒަން ފަށައިގެން ކުޅުނު ފުރަތަމަ ނުވަ މެޗުން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އެއާ އެކު އޭރު ހުރި ކޯޗު ލިއޮނާޑޯ ޖާރޑިމް ވަކިކޮށް އޮންރީއަށް ކޯޗުކަން ދިން ނަމަވެސް އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ.

އޮންރީގެ ކޯޗުކަމުގައި ކުޅުނު 12 މެޗުގެ ތެރެއިން މޮނާކޯ މޮޅުވީ އެންމެ ދެ މެޗުންނެވެ. މި ނަތީޖާތަކާއެކު އޮންރީ ވަކިކޮށް އަނެއްކާވެސް އެ ސީޒަނުގެ ބާކީ އޮތް ބައިގައި ކޯޗުކަން ކުރުމަށް ކުރިން ހުރި ޖާޑިމް ވަނީ ހަވާލުވެފަ އެވެ.

ނަމަވެސް އެކި އެކި ސަބަބުތަކާ ހެދި ނަތީޖާ ނުނެރެވުނު ނަމަވެސް އޮންރީއާ އެކު މަސައްކަތް ކުރަން ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށާއި، ކުޅުންތެރިން ތިބީ މޯޓިވޭޓްވެފައި ކަމަށް އެދުވަސްވަރު އެކުލަބަށް ކުޅުނު ފޯވާޑް ރޯނީ ލޮޕޭޒް ވަނީ ބުނެފަ އެވެ.

"އޮންރީ ކުލަބާއި ހަވާލުވި އިރު ކުލަބު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި. ޓީމުގެ 17 ކުޅުންތެރިން ތިބީ އަނިޔާވެފައި. ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގައި ބޭނުން ކުރީ 18 އަހަރުގެ ފަސް ފޯވާޑުން،" ރޯނީ ބުންޏެވެ.

ރޯނީ ބުނީ، ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ހޮންރީ ދަތުރު ކުރީ ރަނގަޅު މިސްރާބަކާ ދިމާލަށް ކަމަށެވެ. އަދި ކުޅުންތެރިން ތިބީ ނަތީޖާ ރަނގަޅު ކުރުމަށް ބުރަ މަސައްކަތް ކުރަން ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ހަޔާތުގައި ވެސް އެކަހަލަ ސީޒަނެއް ނުދޭ. އޮންރީއަށް ކުލަބުން ފުރުސަތެއް ނުދިން. މީހުންނަށް ހަގީގަތް ވަނީ އޮޅިފައި. ބޭއިންސާފުން އޮންރީ ވަކިކުރީ."

comment ކޮމެންޓް