ލައިސަންސް އާކޮށްދިނުމާއެކު ޓްރާންސްޕޯޓުގެ ބައެއް ހިދުމަތްތައް ލިބޭނެ

މާލޭގެ މަގެއް މަތި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތައް މެދުކަނޑާލާފައި އޮތް ނަމަވެސް މިއަދުން ފެށިގެން ބައެއް ހިދުމަތްތައް ދޭން ނިންމައިފި އެވެ.

ޓްރާންސްޕޯޓުން ކުރި އިއުލާނެއްގައި ބުނީ އެ އޮތޯރިޓީ އިން ދެމުންދާ ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް މިއަދުން ފެށިގެން ބައެއް ހިދުމަތްތައް ދޭނެ ކަމަށެވެ.

އެގޮތުން ފެބްރުއަރީ 28ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އާކޮށްދިނުމާއި އަލަށް ރަޖިސްޓްރީ ކުރެވޭ ސައިކަލު ރަޖިސްޓްރީ ކުރުމުގެ ހިދުމަތުގެ އިތުރުން މާލެ ފިޔަވައި އެހެން ތަންތަނަށް އަލަށް ރަޖިސްޓަރީ ކުރެވޭ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި އަލަށް ރަޖިސްޓަރީ ކުރެވޭ ކަނޑުގެ އުޅަނދު ރަޖިސްޓަރީ ކުރުން އަދި އޮޑީގެ ނަންބަރުގެ ހިދުމަތް ދޭނެ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ މި ހިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި އަންގާރަ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު 12:00 އަށް ކަމަށެވެ.

އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ޓްރާންސްޕޯޓު އޮތޯރިޓީގައި ގާއިމްކޮށްފައިވާ އެޕްލިކޭޝަން ބޮކްސް އަށެވެ. އެޕްލިކޭޝަން ބޮކްސް އަށް ހުށަހަޅާ ކޮންމެ އެޕްލިކޭޝަނެއް ވެސް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ވަކި ސިޓީއުރައެއްގައި އެޕްލިކޭޝަން ފޯމު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ. ސިޓީ އުރައެއްގައި ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށާއި މިނޫންގޮތަކަށް ހުށަހަޅުއްވާ އެޕްލިކޭޝަންތަކަށް ހިދުމަތެއް ނުދެވޭނެކަމަށްވެސް އެ އޮތޯރިޓީ އިން ބުންޏެވެ.

އެޕްލިކޭޝަންތައް ޗެކްކޮށް ނިމުމުން،ފައިސާ ދެއްކުމަށް ޓްރަންސްޕޯޓު އޮތޯރިޓީން ގުޅާނެ ކަމަށާއި މިގޮތުން އެ އޮތޯރިޓީއަށް ދިޔުމަށް އެންގޭ ފަރާތްތްތަކުން ވަޑައިގަތުމަށް ދަންނަވާ ގަޑީގެ ފަސް މިނެޓް ކުރިން ހާޒިރުވުމަށް ވެސް އެ އޮތޯރިޓީ އިން އެދެ އެވެ.

comment ކޮމެންޓް