ކޮވިޑް19: ކްރިމިނަލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތްތައް ހާމަކޮށްފި

ކްރިމިނަލް ކޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދުވަސްވަރު ކްރިމިނަލް ކޯޓުން ޝަރީއަތްްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު ސަރުކާރު ބަންދު ނަމަވެސް އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިންމުކަމެއްކަމަށް ދެކޭ ކަމަށެވެ.

އެގޮތުން އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި އެކި ކަންކަމުގައި ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

"މީގެ އިތުރުން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައިވެސް ކޮންމެހެން ހިންގަން ޖެހޭ ޝަރީއަތްތައް ހިންގުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފްތާއެއްގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށް ކޯޓު ހުޅުވުމަށް ވަނީ ނިންމައިފައެވެ." ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެއެވެ.

ޝަރީއަތް ކުރިއަށް ގެންދިއުމުގައި ވީހާވެސް ބޮޑަށް މީހުން ކޯޓަށް ޖަމާނުވާނެހެން މީހުން ކޯޓަށް ސީދާ ހާޒިރުކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކާއި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭނެކަމަށް އެ ކޯޓުން ބުންޏެވެ.

އެގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކާއި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖްލިސްތައް ކުރިއަށް ގެންދާނީ ސުޕްރީމްކޯޓުން ކަނޑައަޅާފައިވާ " ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާ ގުޅޭ ހާއްސަ ގަަވާއިދު" ގެ ދަށުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ނެރޭނީ އެކަމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުންކަމަށްވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

"އަދި ދިފާއީ ވަކީލުންގެ ތެރެއިން ޝަރީއަތުގެ މަޖިލިސްތަކާއި ބަންދާމެދު ގޮތެއް ނިންމުމެގެ މަޖްލިސްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާން ބޭނުންވާ ވަކީލުން ވީޑިއޯއަށް ރަޖިސްޓްރީވުމަށްފަހު އެކަން މިކޯޓަށް އަންގައިދިނުމުނެ މި ކޯޓުގެ ވީޑިއޯ ކޮންފަރެންސްތަކާއި ގުޅައިލުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، ކޯޓުގެ ފަރާތުން އެވަކީލާ ގުޅައިގެން ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލުމައްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކޯޓުގެ ފަރާތުން އެވަކީލާ ގުޅައިގެން ވީޑިއޯ ކޮންފަރެންސްކޮށް ގުޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށްޓަކައި ޓެސްޓްތަކެއް ކުރެވޭނެއެވެ،" ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެއެވެ.

އެގޮތުން މިޓެސްޓް ކޮންފަރެންސްތައް ބޭއްވުމަށްފަހު ވީޑިއޯ ކޮންފަރެންސް ގުޅުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ކޯޓުގެ ފަރާތުން ދިފާއީ ވަކީލަށް އަންގާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ގުޅުން ގާއިމްވެފައިވާ ފަރާތްތަކުން ޝަރީއަތް ފެށުމުގެ ނުވަތަ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ އެއް ގަޑިއިރުކުރިން އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކޯޓަށް އެކަން އެންގުމުން އެ އަޑުއެހުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ދިފާއީ ވަކީލަށް ދޭނެކަމަށްވެސް އެ ކޯޓުން ބުންޏެވެ.

comment ކޮމެންޓް