ކޮޗިންއާއި ޓްރިވެންޑްރަމްއަށް ކެއާ ޕެކޭޖު ފޮނުވަން ހުޅުވާލައިފި

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސް-- ސަން ފޮޓޯ

އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ހުޅުވާލައި، އުސޫލު އާންމުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 11 އޭޕްރީލް ވަނަ ދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މިނިސްޓްރީން ބުނީ ފުރުސަތު ދެވޭނީ، ފޯމު ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 600 ފަރާތަށް ކަމަށެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލު ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން، މާދަމާ ހެނދުނު 08:00 އިން މެންދުރު 11:00އަށް އަދި މެންދުރުފަހު 14:00އިން ހަވީރު 18:00 އަށެވެ.

ފޮރިން މިނިސްޓްރީން އާންމުކުރި އިއުލާނުގައި ބުނެފައި ވަނީ ކޮންމެ އާއިލާއަކަށް ކެއާ ޕްކޭޖުގެ ގޮތުގައި ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި ކަމަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނީ ޓްރިވެންޑްރަމްއާއި ކޮޗިންގައި ލިބެން ނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ. ކާގޯގެ ގޮތުގައި ފޮނުވާނެ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސްދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްޕެކެޓް/ފަތް ޕެކެޓް/ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކިއްލި
  • ހެދިކާ
  • މޭވާ
  • ތަރުކާރީ
  • ސިނގިރޭޓް އަދި ދުންފަތުގެ ބާވަތްތައް
  • ހަނޑޫ، ހަކުރު، ފުށް

ފޮރިން މިނިސްޓްރީން ބުނީ ފޯމު ހުށަހަޅަންވާނީ ކެއާ ޕެކޭޖުތައް ފޮނުވާ ފަރާތާއި ލިބެންވީ ފަރާތުގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ރާއްޖެއިން ފޮނުވާ ތަކެތި އިންޑިއާގެ ކަސްޓަމްސް އިން ކްލިއާ ކުރުމަށްފަހު، ހަވާލުކުރާނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އާއެވެ. އަދި އެތަކެތި ލިބެންވީ ފަރާތްތަކާއި ހަވާލުކުރާނީ ވެސް ކޮންސިއުލޭޓް ޖެނެރަލް އިންނެވެ.

comment ކޮމެންޓް