ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލައިގެން މަސައްކަތް ކުރަން އައިޖީއެމްއެޗުގެ ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ އެކި ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ފިހާރަތަކުގައިވެސް ކައުންޓަރުތަކުގައި ތިބޭ މީހުންނާ އެއްޗެތި ގަންނަން އަންނަ މީހުންނާ ދެމެދު މުއާމަލާތްކުރާއިރު އަދި ފައިސާތައް އަތްލާއިރުވެސްވެސް ގްލޯވްސް ލައްްވައިގެން އުޅުމާއި ބަލިވެއްޖެ ހާލަތްތަކުގައި އެފަދަ ތަންތަނަށް ދިއުން ހުއްޓާލުމާއި އަދި އަޅުގަނޑުމެން ދެކެވޭ ވާހަކައެއް މިއީ ކޮންމެވެސް ކަހަލަ ޕާޓިޝަނެއް ޖަހާފަ ކޭޝިއަރުގައި އިންނަ ކުއްޖާއާ ކަސްޓަމާއާ ދެމެދު ޕާޓިޝަނެއް ޖެހުން،" އަފްޒަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުނުކޮށް އުޅެއް ވެއްޖެނަމަ އަޅުގަނޑުމެން މިހާރު އޮތް ހާލަތުން އިތުރަށް ހިއްލާލާއިރު އަނެއްކާވެސް ކުރިއަށް އޮތް ތަނުގައި ނުރައްކާ އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.
ކޮވިޑްގެ އިތުރުން މޫސުމީ ބަލިތައް ކަމަށްވާ ޑެންގީ އަދި ބޭރަސް ހިންގުމުގެ ބަލިތައް އަބަދުވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށް ވެސް ޑރ. އަފްޒަލް ވަނީ އިލްތިމާސްކޮށްފައެވެ.
"މި ދުވަސްވަރު ތިބޭފުޅުން ގޭގައި ތިއްބަވާއިރު ވަރަށް ރަނގަޅު ފުރުސަތެކޭ ގެ ސާފުކޮށްލުމުގެ ހާއްސަކޮށް މަދިިރި އާލާވުމުގެ ނަޒަރިއްޔާއަށް ބަލައިގެން ނައްތާލުމުގެ ގޮތުން. އެކަމަށް ހަފްތާއަކު އެއްފަހަރުވެސް ގެ ސާފުކޮށްލުން. އަނެއްކާ ކާބޯތަކެތި ތައްޔާރުކުމުރުގައިވެސް ވަކިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ އެބަ. މިދުވަސްވަރަކީ ގިނަ ބަޔަކު ތާށިވެފަތިބޭ ދުވަސްވަރަކަށް ވާތީ ވައިރަލް އަދި ބޭރަށް ހިންގުމުގެ ބަލިތަކަކީވެސް ފަސޭހައިން ފެތުރޭނެ ބަލިތައް،" އަފްޒަލް ވިދާޅުވިއެވެ.