ދުނިޔޭގެ އަންދާޒާއާ ހިލާފަށް ކޮވިޑް-19 އިން ރާއްޖެ ސަލާމަތްވުމުގެ އުންމީދު ބޮޑު: އަމީން

ހެލްތް މިނިސްޓަރު އަމީން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އަންދާޒާ ކުރުމާއި ލަފާކުރުންތަކާއި ހިލާފަށް ކޮވިޑް-19 އިން ސަލާމަތްވުމުގެ އުންމީދު ރާއްޖެއަށް ވަރަށް ބޮޑު ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ހިތޯބެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ގަދަ ރޯޅި ރާއްޖޭޣެ އަސްކަނިތަކާއި ހިސާބަށް ނާންނަ ކަމަށާއި އެހިސާބަށް ގޮސްފި ހިނދެއްގައި ރައްކާތެރިކަން އޮތީ ދުރާލާ އެޅޭ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އަވައްޓެރި ގައުމުތައް އަދި މި ބަލިމަޑުކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރަމުންދާ ގައުމުތަކުގެ މަސައްކަތާއި ތަފާތުކޮށް، ރާއްޖެއަށް މި ބަލިން ރައްކާތެރިވުމަށް ހޯދިފައިވާ ކުރިއެރުމާއި ލިބިފައިވާ ކާމިޔާބީއަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހިން އެންމެން އެއްބައެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ މިއީ. އެހެންކަމުން އަދިވެސް އަޅުގަނޑުމެނަށް އިރާދަކުރެއްވިޔާ ދުނިޔޭގެ އަންދާޒާ ކުރުމާއި ލަފާކުރުންތަކާއި ތަފާތުކޮށް ކޮވިޑް-19 އިން ސަލާމަތްވުމުގެ އުންމީދު އެބައޮތް. އެ އުންމީދު ހާސިލްވާނީ ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން އެންމެން އެކުގައި މަސައްކަތްކޮށްގެން. އިރާދަކުރެއްވިއްޔާ ކޮވިޑް-19 އިން، މި ނުރައްކާތެރި ވައިރަހުން އަޅުގަނޑުމެން މިންޖުވާ ދުވަސް އަންނާނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުން ދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް އޭގެ އެންމެ ހެޔޮ ނަތީޖާ ފެނިގެން ދާނީ ހުރިހާ ރައްޔިޔުން އެއްބައެއްގެ ގޮތުގައި އެކުވެރި ބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަލިމަޑުކަމުން މިންޖުވާނެ ދުވަސް ނެގި ނަމަވެސް މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މާހައުލެއް ހޯދައިދެވޭނީ، އާންމު ސިއްހަތު ސަލާމަތްކުރުމަށް މަސައްކަތް ކޮށްގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖެ އުފެދިފައިވާ ގޮތުން ވަކިވަކި ޖަޒީރާތަކަކަށް އަޅުގަނޑުމެން ދިރިއުޅުމަކީ ނުރައްކާތެރި ރޯގާއަކުން ސަލާމަތްވުމަށް އަޅުގަނޑުމެނަށް ލިބިފައި އޮތް މާތް ނިއުމަތެއް. އެ ނިއުމަތުގެ ހަގީގީ ބޭނުން ހިފޭނީ ވަކިވަކި ރަށް ރަށުގައި ދިރިއުޅުނުކަމުގައި ވިޔަސް އަޅުގަނޑުމެންގެ ގޯތީގައި ގެދޮރުގައި އަދި ދިރުއުޅޭ ތަނުގައި ވަކިން ދިރިއުޅުމުގެ އާދަ މިވަގުތަށް ހިފައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ބަލިމަޑުކަމަކީ ނުރައްކާތެރި އަދި އާބާދީ ނެތިދާ ވަރުގެ ބައްޔެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ދަނޑިވަޅުގައި ޑޮކްޓަރުންނާއި ސިއްހީ އެންމެ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތުގެ އަގު މުޅި ގައުމު ވަޒަންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް