މެދުކެނޑުމަކަށް ފަހު މިއަދު ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ފަށައިފި

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ސަބަބުން ކައިވެނި ކޮށްދިނުން މެދުކަނޑައިލުމަށް ފަހު، މިއަދު ފެމިލީ ކޯޓާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ކައިވެނިކޮށްދޭން ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދު ކުރުމުން ކޯޓު ތެރޭގައި ކައިވެނިކޮށްދިނުން ހުއްޓިފައި އޮއްވާ، މާޗް 15ގައި ފެމިލީ ކޯޓުން ވަނީ ކޯޓުން ބޭރުގައިވެސް ކައިވެނި ކުރުން ހުއްޓާލައިފަ އެވެ.

ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، މެދުކެނޑުމަކަށް ފަހު މިއަދު އަނެއްކާވެސް ކައިވެނިކޮށްދޭން ފަށާފައިވާ ކަމަށެވެ.

ކައިވެނިކޮށްދޭން ފަށާފައި ވަނީ ކޯޓު ތެރޭގައެވެ. އަދިވެސް ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން އޮތީ ހުއްޓާލައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ކައިވެނި ކުރަން އެދޭ ފަރާތްތަކަށް ކޯޓުން ދަނީ ކައިވެނި ކުރަން ކޯޓަށް ހާޒިރުވާންވީ ވަގުތު އީމެއިލްގެ ޒަރީއާއިން ފޮނުވަމުންނެވެ. ކައިވެނި ކޮށްްދޭން ކޯޓުން ވަކި ދުވަސްތަކެއް ކަނޑައަޅާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާރު ފެމިލީ ކޯޓުގެ ހިދުމަތްތައްވެސް އޮންލައިންކޮށް ހޯދޭނެ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް، ކައިވެނި ކުރަން އެދޭ ފޯމުތައް ފަދަ ފޯމުތައް ހުށަހެޅޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް