އިންޑިއާގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި

ނިއުދިއްލީ (5 އެޕްރީލް 2020) : އިންޑިއާގައި ކޮރޯނާވައިރަސް "ކޮވިޑް-19" ފެތުރޭ މިންވަރު އިތުރުވާން ފަށައިފިކަން ރެކޯޑްތަކުން ދައްކައިފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި އިސްދައުރެއް އަދާކުރާ އިންޑިއާގެ އިދާރާ ކަމަށްވާ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް "އައިސީއެމްއާރު" އިން ނެރުނު ކޮރޯނާ ވައިރަސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އިއްޔެ އެގައުމުގެ އެކިސްޓޭޓްތަކުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 529 އަށްވުރެ މައްޗަށް ގޮސްފަ އެވެ. މިއާއެކު އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3588 އަށް އަރާފައިވާކަން އައިސީއެމްއާރު އިންވަނީ ފާހަގަކޮށްފަ އެވެ. މިހާތަނަށް އެކިސްޓޭޓްތަކުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެގެން ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ މީހުންގެ އަދަދު އާންމު ގޮތެއްގައި އުޅެނީ 250 އަށްވުރެ ދަށުގަ އެވެ.

ކޮވިޑް-19 ޖެހިގެން އިންޑިއާގައި މަރުވި މީހުންގެ އަދަދު 100 އަށްއަރަފައިވާއިރު އެރޯގާއިން ޝިފާ ލިބުނު މީހުންގެ އަދަދު 229 އަށް އަރާފައިވާ ކަމަށް ވެސް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް "އައި.ސީ.އެމް.އާރު"ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އައިސީއެމްއާރު އިން ގެންދަނީ ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ކަމަށް މިހާތަނަށް ފާހަގަކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެސަރަހައްދުތަކުގައި އެރޯގާ ފެތުރޭމިންވަރު ބަލައި މޮނިޓާ ކުރަމުންނެވެ. މީގެ އިތުރުން ކޮވިޑް-19 އަށް ބޭހެއް އީޖާދު ކުރުމުގެ ރީސާޗްތައް ވެސް އައިސީއެމްއާރު އިން އިން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް އިންޑިއާއިން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަނީ އެ ރޯގާގެ އަލާމާތްތައް ފެންނަ މީހުން އެކަންޏެވެ. އިންޑިއާގައި އެންމެގިނައިން ކޮވިޑް-19 އަށް ޓެސްޓް ކުރާކަމަށް މައުލޫމާތު ލިބެނީ ކެރެލާއާއި މަހާރާސްޓްރާ އިންނެވެ. އެދެ ސްޓޭޓްގައި ވެސް ކޮވިޑް-19ގެ ޢަލާމާތްތައް ގިނައިން ފެންނަނީ ވަކި ސަރަހައްދުތަކަކުންނެވެ. ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ މީހުންގެ އަދަދު އެހެން ސްޓޭޓްތަކާ އަޅާބަލާއިރު އެދެ ސްޓޭޓްގައި ގިނަ ވަމުންދާކަމަށާ ގަލްފުގެ ސަަރަހައްދުން އެންމެ ގިނަބަޔަކު އައިސް ގޮސްވި ދެ ސްޓޭޓަކީ އެދެ ސްޓޭޓްކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާ ބަންދުކުރުމަށް އެޅި ފިޔަވަޅުތަކާއެކު ގަލްފުގެ ގައުމުތަކާއި އިންޑިއާއާ ދެމެދު ކުރި ވައިގެ ދަތުރުތައްވަނީ ހުއްޓާލާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު