މާފަހި: ސާބިތުކޮށްދެނީ ވާނެކަން، ފައިދާ ނެރެވޭނެކަން!

ހއ. މާފަހީގައި ދަނޑުވެރިކަން ކޮށްގެން ނެރޭ އުފެއްދުންތައް: މިއީ ރާއްޖޭގައި ދަނޑުވެރިކަމުގެ އެންމެ ވަރުގަދަ ބްރޭންޑު -- ފޮޓޯ/ ސީގަލް ގްރޫޕް

ބަގީޗާގޭ ސޮލާހު ޝިހާބުގެ ސީގަލް ގްރޫޕުން މީގެ 26 އަހަރު ކުރިން، 1994 ވަނަ އަހަރު ހއ. މާފަހި ދިގު މުއްދަތަކަށް ކުލި ދައްކާ ގޮތަށް ނެންގެވި އެވެ. ބޮޑުމިނުގައި ގާތްގަނޑަކަށް 99 ހެކްޓަރު ހުންނަ އެ ރަށުގައި އެ ކުންފުނިން ފެށީ ރިސްކު ބޮޑު މަސައްކަތެކެވެ. މިލިއަން ޑޮލަރު ހޯދަން ރިސޯޓް ނުހަދާ، އެ ކުންފުނިން ބެލީ އެ ރަށުގައި ދަނޑުވެރިކަން ފައްކާކުރާށެވެ. އަދި މަސްބާނާ ދުވަސްވަރު މަސްގަނެ، ތަފާތު ބާވަތްތައް އުފައްދަން ކުޑަވަރެއްގެ މަސް ޕްރޮސެސިން ޕްލާންޓެއް ވެސް ހެދި އެވެ. އެ ކުންފުނިން ރިސްކުނަގައި އަޖުމަ ބަލައިލަން ފެށި މަސައްކަތް މިއަދު ވެފައި ވަނީ، ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރޭ " މާފަހި" މަރުކާއަށެވެ.

"އަޅުގަނޑުމެންނަށް މި ރަށުން އެބަ ނެރެވޭ ރަނގަޅު އަދަދެއް ބާޒާރަށް. މިތަނުގައި [މާފަހީ]ގައި ދަނޑުވެރިކަން މި ކުރަނީ ޕެސްޓިސައިޑްތައް ނުލާ، ގުދުރަތީ ގަސްކާނާ، ކޮމްޕޯސް ބޭނުންކޮށްގެން. ގެރިކުއި ކާދު ފަދަ އެއްޗިހި ބޭނުންކޮށްގެން ކޮލިޓީ ދަމަހައްޓައިގެން ވަރަށް ރަނގަޅަށް މިކަން އެބަ ކުރެވޭ،" އެ ރަށުގައި ކުރާ ދަނޑުވެރިކަމުގެ ތަޖުރިބާއާ ބެހޭ ގޮތުން މާފަހީގެ އެކްޓިން މެނޭޖަރު، އަހުމަދު މުއާޒު ވިދާޅުވި އެވެ. "މިއީ މެނޭޖްމަންޓަކުން އަހަމިއްޔަތުކަން ދީފިނަމަ، ކުރެވޭނެ ކަމެއް،"

މާފަހީގައި ހައްދާފައިވާ ފަޅޯދަނޑެއް -- ފޮޓޯ/ ސީގަލް ގްރޫޕް

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ ދަނޑުވެރިކަން ފަށައިގަތް އިރު މާބޮޑު އެއްޗެއް އެ ރަށުން ބާޒާރަކަށް ނުނެރެވެ އެވެ. އެހެން ނަމަވެސް ވަރަށް ފަރުވާތެރިކަމާއި ރޭވުންތެރިކަމާ އެކު، ކުރި މަސައްކަތުން މާގިނަ ދުވަހެއް ނުވެ މާކެޓަށް ރަނގަޅު އުފެއްދުންތަކެއް ނެރެވެން ފެށި އެވެ. އެކަމަކު އަދި ވެސް އެ މަސައްކަތުގައި ގޮން ޖެހުން ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މާފަހީގެ އެންމެ ބޮޑު ކާމިޔާބަކީ ދަނޑުވެރިކަން ކުރަން ޖެހޭ ގޮތަށް އެކަން ކުރުން ކަމަށް މުއާޒު ފާހަގަ ކުރެއްވި އެވެ.

"މީގައި ގޮންޖެހުންތައް ހުރޭ. އެހެން ނަމަވެސް މަސައްކަތްކޮށްފި ނަމަ ނުވާނެ ކަމެއް ނޫން މިއީ. އެކަމަކު މިކަން ކުރަންވާނީ އެކަން ކުރަން ދަސްކޮށްގެން. ހަމައެކަނި ޕެސްޓިސައިޑް ޖަހައިގެން ދަނޑުވެރިކަން ކުރީމާ ބިންގަނޑު ހަލާކުވުން ކަހަލަ ޗެލެންޖުތައް ދިވެހިންނަށް މި ކުރިމަތިވަނީ. އަޅުގަނޑުމެން އެ ކަންކަން ނުކޮށް ދިގު މުއްދަތު ނަގައިގެން ވެސް ރަނގަޅު ދަނޑުވެރިކަމެއް މި ކުރަނީ،" މުއާޒު ވިދާޅުވި އެވެ.

މާފަހީގައި ހައްދާފައިވާ ކެޔޮތަކެއް -- ފޮޓޯ/ ސީގަލް ގްރޫޕް

މިހާރު މައިގަނޑު ގޮތެއްގައި "މާފަހީ"ގެ ފަސް އުފެއްދުމެއް ބާޒާރަށް ނެރެ އެވެ. އެއީ، ލެޓިއުސް، ކެޔޮ، ފަޅޯ، ކުރުބާ އަދި ކާއްޓެވެ. މީގެ އިތުރުން ވަރަށް މަދުން ނަމަވެސް ކަރާ، ބަރަބޯ، ބަށި، ލޭޑީސްފިންގާ ފަދަ، ތަރުކާރީގެ ބާވަތްތައް ބާޒާރަށް ނެރެ އެވެ.

މުއާޒު ވިދާޅުވި ގޮތުގައި ފެނުގައި ގަސް އިންދުމުގެ ނިޒާމް، ހައިޑްރޯފޯނިކްސްގެ ތެރެއިން އެ ރަށުގައި ލެޓިއުސް ހައްދާ ރަނގަޅު އަދަދަކަށް ބާޒާރަށް ނެރެވެ އެވެ. ހައިޑްރޯފޯނިކްސްގެ އެންމެ ބޮޑު ނިޒާމެއް ރާއްޖޭގައި މިވަގުތު އޮންނަނީވެސް އެރަށުގަ އެވެ.

މާފަހީގައި ހައްދާފައިވާ ފެޝަން ފުރުޓް ވެލެއް. -- ފޮޓޯ/ ސީގަލް ގްރޫޕް

މުއާޒު ވިދާޅުވި ގޮތުގައި މާފަހީގެ އޮޕަރޭޝަންތައް ރޭވިފައި އޮންނަ ގޮތުން، ކޮންމެ ހަފްތާއަކު ބާޒާރަށް ތަކެތި ސަޕްލައިކުރަން "މާފަހި" ބޯޓު ތަކެތި ބަރުކޮށްގެން މާލެ އާއި ރަށްތަކަށް ދަތުރުކުރެ އެވެ. މާލޭގެ ބާޒާރުގެ އިތުރަށް ރިސޯޓްތަކަށް ވެސް އެ ރަށުން ތަކެތި ސަޕްލައިކުރެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ހަފްތާއަކު ވެސް ބާޒާރަށް ސަޕްލައިކުރާ އެއްޗިހި ގިނަ ފަހަރަށް އެ ހަފްތާއެއްގައި ހުސްވެ އެވެ.

މާފަހިން ބާޒާރަށް ނެރޭތަކެތި (ހަފްތާއަކަށް):

  • ލެޓިއުސް – 500-600 ކިލޯ
  • ކެޔޮ – 120 ގަނޑު ކެޔޮ
  • ފަޅޯ- 3،000-4،000 ޓަނު
  • ކާށި- 2،000
  • ކުނރުބާ – 800

މާފަހީގައި ހައްދާފައިވާ ބައެއް ދަނޑުވެރިކަމުގެ ތަކެތި -- ފޮޓޯ/ ސީގަލް ގްރޫޕް

"ސީގަލްގެ ފިހާރަތަކުގައި މިތަކެތި މި ހުންނަނީ މައިގަނޑުކޮށް. ބައެއް ފަހަރު އާންމު ބާޒާރަށް ވެސް ސަޕްލައި ކުރެވޭ. މިހާރު އެންމެ ބޮޑު ތަފާތަކީ، މިފަހަކަށް އައިސް ދިވެހިން ހޭލުންތެރިވެ އޯގެނިކްކޮށް ހައްދާ އެއްޗިހި ކެއުމާއި ތަރުކާރީ ފަތްޕިލާވެލީގެ އެއްޗިހި ކާން ބޭނުންވޭ. އެހެންވެ، ޑިމާންޑް މިފަހުން ބޮޑު މިތަކެއްޗަށް،" މުއާޒު ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ މަސައްކަތުގައި އެ ރަށުގައި 52 މުވައްޒަފަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މުއާޒު ވިދާޅުވި ގޮތުގައި ދިވެހިން ހޯދުމުގެ އެންމެ ބޮޑު ދައްޗަކަށް ކުރިމަތިވަނީ، ދަނޑުވެރިކަމަށް ނިކުންނަން ދިވެހިން ބޭނުން ނުވުމެވެ. އަދި އަމިއްލައަށް ބުރަ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދަން ދިވެހިން، ބޭނުން ނުވުމަކީ ވެސް، ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަހިގެ އޭރިއަލް ވިއުއެއް. --

"ގިނަ ދިވެހިންގެ ވިސްނުން މި ހުންނަނީ ފުރަތަމަ ދުވަހުވެސް ބޮޑު މުސާރަ ލިބެން. ނޫނީ ދެ ދުވަހަކު އުޅެލާފައި ދިޔުން. އެހެންވެ، މިތަނަށް ވެސް ދިވެހިން ހޯދަން ދަތި މި ހުންނަނީ،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، "މާފަހި" ބްރޭންޑްތައް ބާޒާރަށް ނެރުމުގައި ވެސް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، އެތަކެތި ބާޒާރަށް ނެރެވޭނެ މަގުތައް ހަނިވެފައި ވުމެވެ. މާފަހި ބޯޓް މުދާ ބަރުކޮށްގެން އެ ރަށުން، މާލެ އަންނަން 16 ގަޑިއިރުވެ އެވެ. މުއާޒު ވިދާޅުވި ގޮތުގައި ޕެރިޝެބުލް ތަކެތި އެހާ ދިގު މުއްދަތަކަށް އުފުލަން ޖެހުމަކީ ތަކެތި ހަލާކުވާން ވެސް ދިމާވާނެ ކަމެކެވެ. މާފަހި ބްރޭންޑުވެސް އަދި ދިވެހި ދަނޑުވެރިކަމުގެ އެހެން އުފެއްދުންތައް ވެސް، މާކެޓަށް ނެރެެވޭނެ މަގުތައް ވެސް ތަނަވަސްވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އެންމެ ބޮޑު ހުރަހަކީ މާކެޓަށް ތަކެތި ނެރުމުގައި ދިމާވާ ދަތިތައް. އެކަމަށް ފަހިގޮތްތަކެއް ހުންނަ ނަމަ، މިއަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް ވެސް މި ޕްރޮޑަކްޓްތައް މާކެޓަށް ނެރެވޭ ވަރު އިތުރު ކުރެވޭނެ. އެކަމަށް މަގުތަކެއް ފަހިވާ ކަމަށްވަންޏާ މި އުފެއްދުންތައް ވެސް އަޅުގަނޑުމެންނަށް އިތުރު ކުރެވޭނެ،" މުއާޒު ވިދާޅުވި އެވެ.

މާފަހީގައި އުފައްދާފައިވާ ކިއުކަމްބާ -- ފޮޓޯ/ ސީގަލް ގްރޫޕް

ދަނޑުވެރިކަން ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށް މުއާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް، މައްސަލައަކަށް ވަނީ ރާއްޖޭގައި އެކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަވުމެވެ. އެކި ގޮތްގޮތުން ދަނޑުވެރިކަމަށް އެހީލިބިއްޖެ ނަމަ، އެއީ ނަފާވެރިކަމާ އެކު ކުރެވިދާނެ ކަމެއްކަން މާފަހިން ސާބިތުކޮށްދެ އެވެ. "މާފަހި"ން އަންނަނީ ދިވެހި ބިމުގައި ދަނޑުވެރިކަންކޮށް ދިވެހި އެތައް އުފެއްދުމެއް ބާޒާރަށް ނެރެމުންނެވެ. އެހެން ވީމާ އެހެން މީހުންނަށް ވެސް ނުވާންވީ ސަބަބެއް ނެތެވެ.

ރާއްޖޭގެ ވިޔަފާރިވެރިންތަކެއް ހިންގާ، ހދ. ތީފަރިދޫއަކީ ވެސް އޭގެ މިސާލެކެވެ. އެ ރަށުން މައިގަނޑު ގޮތެއްގައި ނެރެނީ ކުކުޅު ބިހެވެ. އެ އިންވެސްޓްމަންޓްގެ އެއް ވެރިޔަކު ސަން އަށް ވިދާޅުވި ގޮތުގައި، އެ ރަށުގައި 12،000 އެއްހާ ކުކުޅު ގެންގުޅެ އެވެ. މީގެ އިތުރުން ބައެއް ތަރުކާރީގެ ބާވަތްތައް ވެސް ހައްދައިގެން ބާޒާރަށް ނެރެ އެވެ. އެހެން ނަމަވެސް މައްސަލައަކީ، އެ ރަށްރަށް ކުއްޔަށް ދީފައިވާ މުއްދަތު ކުޑަވުމެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރިސޯޓް ހަދަން ރަށްދޭވަރުގެ މުއްދަތަކަށް ރަށް ކުއްޔަށް ދޭނަމަ، ދަނޑުވެރިކަމަށް އިންވެސްޓެއް ކުރެވިދާނެ އެވެ.

މާފަހީގެ ބައެއް އުފެއްދުންތައް -- ފޮޓޯ/ ސީގަލް

"އަޅުގަނޑުމެން އެ ރަށް މިހާރު ވެސް 40 މިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފިން. އެކަމަކު ރަށް އެހާ ދިގު މުއްދަތަކަށް ނުލިބޭ. އެހެން ވީމާ ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ދަނޑުވެރިކަން ކަހަލަ މަސައްކަތެއް ކުރަން އިންވެސްޓެއް ވެސް ކުރަން ނުކެރެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ދަނޑުވެރިކަމަކީ ނަފާވާނެ ގޮތަށް ކުރެވިދާނެ މަސައްކަތެކެވެ. އެކަމަކު ސަރުކާރުގެ ޕޮލިސީތައް ދަނޑުވެރިކަން ކުރިއެރުވުމަށް ފަހި ވާނެ ގޮތަކަށް ބަދަލުވާން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރަށްތައް ބަލަންވީ ދަނޑުވެރިކަން ކުރޭތޯ، އެގޮތަށް ކުރާ ގޮތަށް ދިގު މުއްދަތަކަށް ރައްދޭންވީ. ދެން އެ މުއްދަތުގައި އެކަން ނުކުރަންޔާ އަތުލެވޭ ގޮތަށް އޮންނަންވީ. އެކަހަލަ ގޮތަކަށް އިންވެސްޓެއް ކުރެވޭ ގޮތަކަށް މިކަން ބަދަލުވާންވީ،"

ރާއްޖޭގެ ބޮޑު ދެ ވިޔަފާރިވެރިންގެ ތަޖުރިބާއަކީ ވެސް ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެވެ. އެކަމަކު މައްސަލައަކަށް ވަނީ އެކަމަކަށް ދީފައިވާ އަހަންމިއްޔަތު ކުޑަވުމެވެ. ސިޔާސަތުތައް ހުރީ ދަނޑުވެރިކަމަށް އެންމެ ފަހިވާ ގޮތަށް ނުވުމެވެ.

އެކަމަކު، ގޮންޖެހުންތަކާ އެކުވެސް "މާފަހި" މަރުކާއިން ބުނެދެނީ ރާއްޖޭގެ ދަނޑުވެރިކަމަށް މާފަހި މުސްތަގުބަލެއް ހޯދައިދެވިދާނެ ކަމެވެ. އެ މަރުކާގެ ކާމިޔާބުން ނަގައި ދޭ ފިލާވަޅަކީ، ދިވެހިން ދަނޑުވެރި ކަމަށް ނިކުންނަން ވެއްޖެ ކަމެވެ. އެ މަސައްކަތް ދިވެހިންނަށް ކުރެވޭނެ އެވެ. އެއީ އެއްގޮތަކަށް ވެސް ނުވާނެވަރުގެ ކަމެއް ނޫނެވެ.

comment ކޮމެންޓް