މުސްލިމުންނާ އެހެން މީހުންނާ ހަމަހަމައެއް ނޫން: ސުބްރަމާނިއަން ސުވާމީ

ބީޖޭޕީގެ އިސް މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ވަނީ މުސްލިމުންނާ އެހެން މީހުންނާ ހަމަހަމައެއް ނޫން ކަމަށް ވިދާޅުވެފަ -- ފޮޓޯ: ޕީޓީއައި

ދިއްލީ (އޭޕްރިލް 4): މުސްލިމުންނާ އެހެން މީހުންނާ ހަމަހަމައެއް ނޫން ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ސުވާމީ އެފަދައިން ވިދާޅުވީ ވައިސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި، އެގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ ޑިސެމްބަރު 11ގައި ފާސްކޮށް ޖެހިގެން އައި ދުވަހު ތަސްދީގުކޮށްފައިވާ އެ އިސްލާހުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދައިފަ އެވެ. އެހެންކަމުން އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ސުވާމީގެ އިންޓަވިއުގައި އޭނާ ވިދާޅުވި ގޮތުގައި "މުސްލިމުން ގެންގުޅޭ ފިކުރުގެ ސަބަބުން މުސްލިމުންގެ އާބާދީ ބޮޑު ކޮންމެ ތަނެއްގައިވެސް ހަމަނުޖެހުންތައް ހިނގަ" އެވެ. އަދި "އެއްވެސް ގައުމެއްގައި މުސްލިމުންގެ އާބާދީ 30 ޕަސެންޓަށް ވުރެ އިތުރުވެއްޖެ ނަމަ އެގައުމު ނުރައްކާތެރި ހާލަތަކަށްދާ ކަމަށްވެސް" އޭނާ ވިދާޅުވި އެވެ.

މުސްލިމުން އިސްތިސްނާވާ ގޮތަށް ފާސްކޮށްފައިވާ ރަށްވެހިކަމުގެ އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސުވާމީ ވިދާޅުވި ގޮތުގައި "މުސްލިމުންނަށް އިންޑިއާއަށް ނުވަދެވޭ ގޮތް ހެދުމަކީ އެމީހުނަށް އޯގާތެރިވުމުގެ ގޮތުން" ކުރާ ކަމެކެވެ.

ނަމަވެސް އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 14އިން އިންޑިއާގައި ދިރިއުޅޭ އެންމެންނަށްވެސް ހަމަހަމަ ހައްގުތައް ލިބިދޭކަން ސުވާމީއާ ސުވާލު ކުރި ނޫސްވެރިޔާ ފާހަގަ ކުރި އެވެ. އަދި އެއަށް ރައްދު ދެމުން ސުވާމީ ދިން ޖަވާބަކީ އެ ގާނޫނުގެ ދަށުން "ހަމަހަމަކަން ލިއްބައިދެނީ ހަމަހަމަ މީހުންނަށް" ކަމަށެވެ.

"ނޫން، އެންމެން ހަމަހަމައެއް ނޫން، މުސްލިމުން ނުފެތޭ ހަމަހަމަ ކެޓަގަރީއަކަށް،" ސުވާމީ ވިދާޅުވި އެވެ.

ސުވާމީގެ އެވާހަކަތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވެސް ހިމެނެ އެވެ. އަދި އޭނާ ވަނީ ސުވާމީ މުސްލިމުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ ޖަރުމަނުގައި މީގެ ކުރިން ވެރިކަން ކުރި ނާޒީ ޕާޓީން ޔަހޫދީންނާ ބެހޭ ގޮތުން ވާހަކަ ދެއްކި ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

ވައިސް ނޫހުން މިހާރު އާއްމުކޮށްފައި ވަނީ ސުވާމީގެ އިންޓަވިއުގެ ޓްރެއިލާއެކެވެ. އަދި މުޅި އިންޓަވިއު ދައްކަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.

comment ކޮމެންޓް