ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލް ޑރ. މާލިކު އަވަހާރަވެއްޖެ

ސީއެޗްއެސްއީގެ ފުރަތަމަ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޑރ. އިބްރާހީމް އަބްދުލް މަލިކާއި ސީއެޗްއެސްއީގެ މިހާރުގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އެކީގައި ---- ފޮޓޯ : މަސްއޫދު އިމާދު

ކުރީގެ ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ)، ނުވަތަ މިހާރުގެ ސެންޓާ އޮފް ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ފުރަތަމަ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައި ރާއްޖެއަށް މަތީ ތައުލީމު ތައާރަފުކުރުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ އެމެރިކާގެ އިލްމުވެރިޔާ އަދި މުދައްރިސް ޝައިޚް ޑރ. އިބްރާހީމް އަބްދުލްމާލިކް އަވަހާރަވެއްޖެއެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ބިންގާ އެޅުމުގައި މަސައްކަތްކުރައްވާފައިވާ ޑރ. މާލިކު އަވަހާރަވީ އުމުރުފުޅުން 97 އަހަރުފުޅުގައެވެ. ޑރ. މަލިކު ދަންނަ ބޭފުޅަކު ފޭސްބުކްގައި ލިޔުއްވާފައި އޮތް ގޮތުން އޭނާ އަވަހާރަވީ ކޮރޯނާވައިރަސް ޖެހިވަޑައިގެންނެވެ.

ތައުލީމީ ދާއިރާއަށް ތަފާތު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. މާލިކު، ސީއެޗްއެސްއީ ހިންގެވުމުގައި ހުންނެވީ 1979 އިން ފެށިގެން 1981ގެ ނިޔަލަށެވެ. އޭނާއަށް ރާއްޖޭގައި މަސައްކަތްކުރެއްވުމަށް ފުރުސަތު ލިބިފައިވަނީ ޔުނެސްކޯގެ ފަރާތުންނެވެ.

ޑރ. މާލިކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އަމީނިއްޔާ ސްކޫލުގައި ސައިންސް ލެބެއް ގާއިމުކުރެއްވުމުގެ މަސައްކަތުގައެވެ. ނަމަވެސް ފަހުން ސައިންސާއި އާޓް ކިޔަވައިދޭ ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް އޭނާއާ ހަވާލުކުރެވުނެވެ. އެއާއެކު އަމީނިއްޔާ ސްކޫލުގައި ގާއިމުކުރި ސައިންސް ލެބު، ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ)ގެ ގޮތުގައި ބޭނުންކުރަން ފެށިއެވެ.

ޑރ. މާލިކު ރާއްޖެއަށް އެންމެ ފަހުން ރާއްޖެ ދުރުވީ 2017 ވަނަ އަހަރުގައެވެ. އެ އަހަރުގައި ޑރ. މާލިކު ވަނީ ސީއެޗްއެސްއީއަށް ޒިޔާރާތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ، އަދި ޑރ. މާލިކްއާއެކު ރާއްޖޭގައި ގާތުން މަސައްކަތްކުރެއްވި މަސްއޫދު އިމާދު މިއަދު "ސަން"އަށް ވިދާޅުވީ ޑރ. މާލިކާ އެންމެ ފަހުން ވާހަކަދެއްކުނީ މިދިޔަ މަހުގެ 22ގައި ކަމަށެވެ. އަދި އެއަށްފަހު 26 ވަނަ ދުވަހު ވާހަކަދެއްކުނީ ޑރ. މާލިކުގެ އަންހެން ދަރިކަނބަލުންނާ ކަމަށެވެ.

މަސްއޫދު ވިދާޅުވީ ޑރ. މާލިކު ކުޑަކޮށް ބަލިވެ އުޅުއްވާކަމަށް އޭނާގެ ދަރިކަނބަލުން ވިދާޅުވި ކަމަށެވެ. އަދި އޭރު އެބޭފުޅުން ތިއްބެވީ ސެން ފްރެންސިސްކޯގައި ކަމަށްވެސް ވިދާޅުވި ކަމަށެވެ.

އޭގެ ފަހުންވެސް ގުޅުއްވުމުން ޑރ. މާލިކްއާ ދިމާވިކަމަށް މަސްއޫދު ވިދާޅުވިއެވެ. އަދި އެފަހަރު އޭނާ ވިދާޅުވީ ހާލު ރަނގަޅުކަމަށް އެކަނި ކަމަށާއި އެއަށްވުރެ އިތުރަށް ވާހަކަ ނުދެއްކެވިކަމަށް އިމާދު "ސަން"އަށް ވިދާޅުވިއެވެ.

އެސްއީސީގައި ޑރ. މާލިކުގެ ދަރިވަރުންގެ ތެރޭގައި ރާއްޖޭގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނެއެވެ. އެގޮތުން ކުރީގެ މިނިސްޓަރުން ޑރ. މަރިޔަމް ޝަކީލާއާއި ޑރ. އާމާލް އަލީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްމުހުސިން މުހައްމަދު ހިމެނެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ދަތުރެއްގައި ޑރ. އިބްރާހިމް އަބްދުލްމާލިކު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ސީއެޗްއެސްއީއިން ނުކުތް ގިނަ ދަރިވަރުންތަކެއް ރާއްޖޭގެ އެކި ދާއިރާތަކުން އިސް މަގާމުތަކުގައި ތިއްބެވީތީ އެކަމާ މެދު ފަޚުރުވެރިކަން ފާޅުކުރައްވާފައެވެ.

"ފަޚުރު، އެ ލަފުޒުން އެކަންޏެއް އަޅުގަނޑުގެ އިހުސާސްތައް ބުނެވެސް ނުދެވޭނެ. ފަޚުރާއެކު ހިތްތިރިކަންވެސް އިހުސާސްވޭ. ހިތަށް އަރަނީ މާތްކަލާކޯއޭ، މި މީހުންގެ ކުރިއެރުމަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެހީވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނޭ. އެކަމަށްޓަކައި މާތް ރަސްކަލާނގެއަށް ހަމްދުކުރަން،" ޑރ. މާލިކު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

އެމެރިކާގެ ނިއުޔޯކަށް އުފަން ޑރ. މާލިކް ވަނީ 1971 ވަނަ އަހަރުގައި އޭނާގެ ފުރަތަމަ ޑޮކްޓްރޭޓް ހާސިލުކުރައްވާފައެވެ. ހާވާޑް ޔުނިވާސިޓީއިން އޭނާގެ ފުރަތަމަ ޑޮކްޓްރޭޓް ހާސިލުކުރައްވާފައިވަނީ ސައިންސް އެންޑް އެޑިއުކޭޝަނުންނެވެ. އަދި 2007 ވަނަ އަހަރުގައި ދެވަނަ ޑޮކްޓްރޭޓް ހާސިލުކުރައްވާފައިވަނީ އިސްލާމިކް ސްޓަޑީސްއިން ގްރެޖުއޭޓް ތިއޯލޮޖިކަލް ފައުންޑޭޝަނުންނެވެ.

އޭނާއަކީ ނިއުރޯ ލިންގުއިސްޓިކް ޕްރޮގްރާމިން (އެންއެލްޕީ)އާއި އެރިކްސޯނިއަން ތެރަޕިއުޓިކް ހިޕްނޯސިސްގެ ސާޓިފައިޑް ޕްރެކްޓިޝަނާއެކެވެ.

comment ކޮމެންޓް