ދެ ލައްކަ މީހުންގެ މާލެއަށް ހިމޭން ވަގުތުކޮޅެއް!

ކޮންމެ ދުވަހެއްގެ ހަވީރު، މާލޭގެ ހަނި މަގުތަކުގެ ކާރޫބާރޫކަން އިންތިހާއަށް ބޮޑުވެ، އަޑުފައްގަނޑު ގަދަވެ އެވެ. އެއީ އެއް ބަޔަކު އޮފީސް ނިންމާފައި އަވަހަށް ގެޔަށް ވަންނަން މިސްރާބު ޖަހާ ގަޑި އެވެ. އަނެއް ބަޔަކު އަނބިދަރިން ގޮވައިގެން ފިނި ބުރު ޖަހަން ނިކުމެ އެވެ. މާރުކޭޓް ސަރަހައްދުގެ ކާރޫބާރޫބޮޑުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. އެހެން ނަމަވެސް މިއަދު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށް އިއުލާން ކުރި ކާފިއުއާ އެކު، މާލޭގެ މަގުތަކުން މީހުން ހުސްވެ، ހިމޭންކަން ވެރިވި އެވެ. ގާތްގަނޑަކަށް ދެ ލައްކަހެއްހާ މީހުން ދިރިއުޅެމުން އަންނަ މާލެއިން ފެނުނީ ފަޅުކަމެވެ. އަޑުތައް މަޑުވެ ވެރިރަށް މާލެ އޮތީ ހުއްޓުމެއްގަ އެވެ.

މިއީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން އެކަމަނާ އިއުލާން ކުރެއްވި ކާފިއު އޯޑަރުގެ ފުރަތަމަ ދުވަހެވެ.

ހަލަބޮލި މާލޭގެ މަގުތައް ހުހަށް!

އެ އެންގުމަށް އަމަލު ކުރުން މިއަދު ހަވީރު 5:00 ގައި ފެށުނު އިރު މާލޭގެ މަގުތައް ވަނީ ހިމޭން ވެފަ އެވެ. އެންމެ ކާރޫބާރޫބޮޮޑު މާރުކޭޓް ސަރަހައްދު އޮތީ ހުހަށެވެ. ސަރުކާރުގެ އެންގުމަށް ބޯލެނބުމުގެ ގޮތުން އޮޑިދޯނި ފަހަރުގެ ފަޅުވެރިންނާއި ރަށް ރަށުން ވިޔަފާރީ ކުރުމަށް އަައި ފަރާތްތަކުން ވެސް އަރާތިބީ ދޯނިތަކުގަ އެވެ.

މާރުކޭޓު ސަރަހައްދުގެ ހޯލް ސޭލް އަދި ރީޓެއިލް ފިހާރަތައް ހުރީ ބަންދުކޮށްފަ އެވެ. ހުކުރު ވަގުތު ވެސް މީހުންނާއި ދުއްވާ އެއްޗެހި ހުސްނުވާ މަޖީދީ މަގުން ފެންނަނީ ހާލަކުން މީހެކެވެ. ހުޅުވާފައި ހުރި ފިހާރައެއް ފެނޭތޯ ވަރަށް ބެލީމެވެ.

"ދެ ތިން މީހަކު ހުއްޓުވަން ޖެހުނީ. ގިނަ މީހުން ބުނީ މަނާކަމެއް ކަން ނޭންގޭ ކަމަށް،" މަޖީދީ މަގުމަތީގައި އަމަން ބަލަހައްޓަން ހުރި ފުލުހަކާއި ވާހަކަ ދައްކާލުމުން އޭނާ ބުންޏެވެ.

އޭޕްރީލް 2 ،2020: މާލޭ ސަރަހައްދު ކާފިއު ހިނގާފައިވާ ވަގުތުގައި މާލޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސުކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށް މީހުން ގޭގައި ތިބުމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އަންގަމުންދާތާ ދުވަސް ކޮޅެއްވެއްޖެ އެވެ. މަދުން ނަމަވެސް މީހުން"'ފިނިބުރު" ޖަހަން މަގުމަތީގައި އެ ދުވަސްތަކުގައި އުޅުނެވެ. އެހެން ނަމަވެސް މިއަދު ފަހެއް ޖެހުމުގެ ކުރިން މަގުމަތީގައި މީހުން ތަންކޮޅެއް ގިނަވެ، ހަލަބޮލިކަން ބޮޑުވި އެވެ.

"ތިން ގަޑިއިރަށް ގެއިން ނުނިކުމެ ހުންނަން ޖެހޭތީ ގެ އަށް ބޭނުންވާ އެތިކޮޅެއް ގަނެލަން ނިކުމެ މި އުޅެނީ. މިދުވަސް ކޮޅު ހަމަ އެއްގޮތަކަށް ވެސް ބޭކަރު ގޮތެއްގައި މަގުމައްޗަށް ނުނިކުންނަން،" މެންދުރު ގަޑީ މާރުކޭޓު ސަރަހައްދުން ދިމާވި މީހަކު ސުވާލުކޮށްލުމުން އޭނާ ބުންޏެވެ.

އޭޕްރީލް 2 ،2020: މާލޭ ސަރަހައްދު ކާފިއު ހިނގާފައިވާ ވަގުތުގައި މާލޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުތަކަށް މީހުން ނިކުތުން މަނާ ކޮށްފައިވާ ގަޑީގައި މީހުނަށް ވުރެން ގިނައިން މަގުމަތީގައި އުޅުނީ ކޮތަރާއި ބުޅަލެވެ. މީހުންނާއި ދުއްވާ އެއްޗެހި ގިނަކަމުން ދުވަހަކު ވެސް މަގުމަތީގައި ހަމަ ޖެހިލައިގެން ނޫޅެވޭ، އެ ދޫނިތަކާއި ޖަނަވާރުތައް އުޅުނީ މިއަދު "މިނިވަން" ކަމާ އެކު އެވެ.

މާލޭގެ މަގުތައް މިފަހުން ހުސްވި މިއީ ފުރަތަމަ ފަހަރު!

އޭޕްރީލް 2 ،2020: މާލޭ ސަރަހައްދު ކާފިއު ހިނގާފައިވާ ވަގުތުގައި މާލޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ރާއްޖޭގައި ކާފިއު އިއުލާން ކޮށްފައިވެ އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެގޮތުން އޮގަސްޓް، 2004 ގެ 12،13ގައި އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ހުރި މުޒާހަރާތަކާ ގުޅިގެން، އެ ދުވަސްވަރު މާލޭ އާއި މާލެ ކައިރި ހިސާބުތަކަށް ކާފިއު އޯޑަރެއް ނެރުއްވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަންގާ ގިނަ އެންގުންތައް ރައްޔިތުން "ފަރުވާކުޑަ"' ކަމާއި އެކު އަމަލު ކުރި ނަމަވެސް މިފަހަރުގެ މި އެންގުމަށް ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ވަނީ ބޯލަނބާފަ އެވެ.

މި ފެނުނީ، ދިވެހިންގެ ކިޔަމަންތެރިކަން ކަމޭ ބުނެވިދާނެ އެވެ. އަނެއް ބަޔަކު ބުނީ، އެ އެންގުމާ ހިލާފުވާ ފަރާތްތައް 1،000 ރުފިޔާއިން ޖޫރިމަނާކޮށްފާނެ ކަމަށް ބައެއް މީހުން ގޭގައި މަޑުކުރީ ކަމަށެވެ. އެހެން ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން މި އެޅި ފިޔަވަޅަށް ދިވެހިން ދެއްކީ ނަމޫނާ އާއި ކިޔަމަންތެރިކަމެވެ.

comment ކޮމެންޓް