ވައިރަހަށް އެންމެ މަދުން ޓެސްޓު ކުރާ ގައުމުތަކުގެ ތެރޭގައި ބަންގުލަދޭޝް

ބަންގްލަދޭޝްގައި 56 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: ޑާކާ ޓްރިބިއުން

ޑާކާ (އޭޕްރިލް 2): ބަންގުލަދޭޝްގެ އާބާދީއާ އަޅާ ބަލާއިރު އެގައުމުން ކޮރޯނާވައިރަހަށް ޓެސްޓު ކުރަމުން ދަނީ ކަންބޮޑުވާވަރަށް މަދު އަދަދަކަށް ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ބަންގުލަދޭޝްގެ ޑާކާ ޓްރިބިއުންގައި އެގައުމުގެ އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ، ޑިޒީސް ކޮންޓްރޯލް އެންޑް ރިސާޗް (އައިއީޑީސީއާރު)އާ ހަވާލާދީ ބުނެފައިވާ ގޮތުން އެގައުމުން ވައިރަހަށް ޓެސްޓު ކުރަމުން ދަނީ ކޮންމެ 100،499 މީހުންގެ ތެރެއިން ޝައްކު ކުރެވޭ އެންމެ މީހެކެވެ. އެއީ 164.7 މިލިއަން މީހުންގެ އާބާދީ އޮންނަ އެގައުމުން ކޮންމެ މިލިއަން މީހަކަށް 10 ޓެސްޓެވެ.

އައިޑީސީއާރުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން ބަންގުލަދޭޝްއިން ވަނީ މިހާތަނަށް 1896 ޓެސްޓު ހަދާފަ އެވެ. އަދި އެގައުމުން 56 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ހަ މީހަކު ވަނީ މަރުވެފަ އެވެ.

ނަމަވެސް އެގައުމުގައި އެހާވަރަށް މަދު ބަޔަކު ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ޓެސްޓު ކުރާ މިންވަރު މަދުވުމުން ކަމަށް ބުނެ އެގައުމުގެ މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޑެއިލީ ސްޓާ ނޫހުން ވަނީ ގިނަ އަދަދެއްގެ މީހުން ވައިރަހަށް ޓެސްޓު ކުރުމަށް އިސްކަން ނުދިން ގައުމުތައް ކަމަށްވާ އެމެރިކާ އާއި ސްޕެއިންގައި މިހާރު ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އެތައް ހާސް މީހުން ޓެސްޓު ކުރަމުންދާ ދެކުނު ކޮރެއާ އާއި ޓައިވާނާއި ސިންގަޕޫރު ފަދަ ސަރަހައްދުތަކުގައި ވައިރަސް މިހާރު ކޮންޓްރޯލް ކުރެވެމުންދާކަން ކަމާ ބެހޭ މާހިރުންނާ ހަވާލާދީ ބުނެފަ އެވެ.

ދެކުނު ކޮރެއާގެ އާބާދީ 51.47 އަށް އަރާ އިރު އެގައުމުން ކޮންމެ އެއް މިލިއަން މީހަކަށް 8،349 ޓެސްޓު ކުރެ އެވެ. އެއާ އަޅާ ބަލާއިރު އެމެރިކާއިން ކޮންމެ މިލިއަން މީހަކަށް ހަދަނީ 3،749 ޓެސްޓެވެ.

ރޮހިންގާއިން ބަންގުލަދޭޝްގެ ކޭމްޕުތަކުގައި -- ފޮޓޯ: ބްލޫމްބާގް

ޑާކާ ޓްރިބިއުންއިން ވަނީ އެގައުމުގައި ބަލި ހުރި ކަމަށް ޝައްކުވެގެން ކަރަންޓީނު ކުރާ މީހުންނާ އަޅާ ބަލާއިރު ވެސް އެގައުމުގައި ޓެސްޓު ކުރާ މީހުންގެ އަދަދު މަދުކަމަށް ބުނެފަ އެވެ. އެގޮތުން އެގައުމުގައި ކަރަންޓީނުކޮށްފައިވާ މީހުންގެ އަދަދު 60،015އަށް އަރާ ކަމަށް އެނޫހުން ރިޕޯޓުކުރި އެވެ.

ބަންގުލަދޭޝްގައި ވައިރަހަށް ޓެސްޓު ކުރަނީ ވައިރަސް ފެތުރިފައިވާ ގައުމަކަށް ދަތުރުކޮށްފައިވާ މީހުންނާއި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓުވި މީހުންނެވެ. ނަމަވެސް އެގައުމުގައި ޑޮކްޓަރުން ވަނީ ގައުމުން ބޭރަށް ދަތުރު ކުރުމަށް ފަހު ހޮސްޕިޓަލްތަކަށް ދާ ގިނަ އަދަދެއްގެ މީހުން އެމީހުން އެގައުމުތަކަށް ދަތުރު ކުރިކަން ހާމަ ކުރަން ދެކޮޅު ހަދަމުންދާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ސަބަބުން ޑޮކްޓަރުންނަށް ވެސް ބަލި ފެތުރުމުގެ ނުރައްކާ ބޮޑުކަން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގެ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގައި 850،000 ރޮހިންގާއިން ތިބިކަމަށާއި އެ ކޭމްޕުތަކުގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އެކްޓިވިސްޓުން ވަނީ ފާޅުކޮށްފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެކޭމްޕުތަކުގައި އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައި އޮތުމުން ވައިރަހާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ހުރަސް އެޅޭކަން ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަކުރި އެވެ.

އޭގެ ސަބަބުން މިދިޔަ މަހުގެ 25އިން ފެށިގެން ބަންގުލަދޭޝް އިން ވަނީ ކޮކްސް ބާޒާރުގައި ހުރި ރޮހިންގާ ކޭމްޕުތައް ލޮކްޑައުންކޮށްފަ އެވެ.

ބަންގުލަދޭޝްއިން ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް އެގައުމުގައި ސަރުކާރު ބަންދުކޮށްފަ އެވެ. އަދި އެގައުމުގައި ހެލްތު ސާވިސް ޑިވިޝަނުން ވަނީ ސަރުކާރު ބަންދު ދުވަސްތައް އިތުރު ކުރުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް