ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓާސްކް ފޯސް އެއް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ މުއައްސަސާގެ ހުރިހާ ޑައިރެކްޓްރޭޓްތައް ތަމްސީލުކުރާގޮތަށް ހާއްސަ ޓާސްކް ފޯސް އެއް އެކުލަވާލައިފި އެވެ.

"ހެލްތު އެންޑް ސޭފްޓީ"ގެ ނަމުގައި މިއަދު އެކުލަވާލި ޓާސްކް ފޯސްގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތަކާއި ކުރިއަށް އޮތްތަނުގައިވެސް ގެންނަން ޖެހޭ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މަސައްކަތްތަކަކީ ކޮވިޑް-19 އާ ގުޅިގެން ޑރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކާއި އިރުޝާދުތަކަށް އަމަލުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ޓާސްކް ފޯސް އެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޓާސްކް ފޯސްގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ ތަފާތު މައްސަލަތަކާއި އެ މައްސަލަތައް ފުލުހަށް ހުށަހަޅާނެ ހާއްސަ އުސޫލެއްވެސް ވަނީ ފުލުހުންގެ އިދާރާއިން މިއަދު އާންމުކޮށްފައެވެ.

އަދި މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލެއްވެސް ވަނީ މިއަދު އާންމުކޮށްފައެވެ.

comment ކޮމެންޓް